އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު
ރާއްޖޭގެ ސިޔާސީ ޙަޤީޤަތަކީ ކޯލިޝަނަކާ ނުލާ އިންތިޚާބުތައް ކާމިޔާބު ނުވުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި ވީޑިއޯ މެސެޖެއްގައި މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީ އެކަނި ގޮސް 2028 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އެއީ ކަންއޮތްގޮތް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ޙަޤީޤަތަކީ ކޯލިޝަނަކާ ނުލާ އިންތިޚާބުތައް ކާމިޔާބު ނުވުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވަނީ އެމްޑީޕީ އުފެއްދީ ޕާޓީގެ އަމިއްލަ ވެރިކަމެއް އުފެއްދުމުގެ އުންމީދުގައި ކަމަށާއި، ނަމަވެސް އެމަގު މިހާތަނަށް ތަނަވަސްވެފައި ނެތް ކަމަށެވެ. އެގޮތުން 2008 އާއި 2013 އާއި 2018 ގެ ހަނދާންތައް މޫސަ ވަނީ އާކުރަށްވާފައެވެ. ހަމައެއާއެކު ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޔުނައިޓެޑް އޮޕޮޒިޝަން އުފެއްދީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

ހަމައެއާއެކު ކޯލިޝަން ހަދާ ޕާޓީތަކަށް އެމްޑީޕީއާ އެއްވަރަށް މަޖިލީހުގެ ގޮނޑި ނުނެގުމަކީ އެހެން ކަމެއް ކަމަށް ވިދާޅުވެ، ފިތުނަވެރިކަމަށް ޖާގަނުދީ ކެމްޕޭން ކުރުމަށް އެންމެހާ ފަރާތްތަކަށް މޫސަ ވަނީ ގޮވާލަށްވާފައެވެ.

"އެތެރޭގެ އިންތިޚާބުތަކުގައި ވާދަވެރިވާށެވެ. ހަސަދަވެރިވެ ބަދަލުހިފުމުގެ ރޫޙު ނުގެންގުޅޭށެވެ. މާޒީގެ ވާހަކަ ކިޔަންވީމަ ހަނދާން ބަލިނުކޮށް މާޒީ ކިޔާށެވެ،" މޫސަ ވިދާޅުވިއެވެ.



މޫސަ މިހެން ވިދާޅުވެފައިވާއިރު، ގދ. ތިނަދޫގައި ބޭއްވި މީކާއީލްގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެހެން ޕާޓީތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

ނަމަވެސް އެކަމަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރީނދޫ ލަޝްކަރު ހަގީގީ ރޫހާއި ޖޯޝުގައި މަސައްކަތް ކޮށްފިނަމަ، އެހެން ޕާޓީތަކުގެ އެހީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު