އަޝްވާގް ފައުޒީ   8 ޖޫން 2026 - 13:14
އޮކިނާވާ އަދި އެހެނިހެން ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރައިފި
އޮކިނާވާ އަދި އެހެނިހެން ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރައިފި
ފިލިޕީންސްގެ ދެކުނު ސަރަހައްދަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން، ޖަޕާނުގެ އޮކިނާވާ އަދި އެހެނިހެން ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އަރައިފިއެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރި ގޮތުގައި، މި ބިންހެލުމާ ގުޅިގެން ޖަޕާނުގެ އިރުމަތީ، ހުޅަނގު އަދި ދެކުނު އައްސޭރިފަށަށް ސުނާމީގެ އިންޒާރު ނެރެފައިވެއެވެ. މިގޮތުން، އޮކިނާވާގެ މައި ރަށަށް ކުޑަ ސުނާމީއެއް އެރިކަން ފާހަގަކުރެވިފައިވާއިރު، ޓޯކިޔޯގެ ދެކުނުން ގާތްގަނޑަކަށް 1,000 ކިލޯމީޓަރު ދުރުގައި އޮންނަ ޗިޗިޖިމާ ރަށަށް 20 ސެންޓިމީޓަރުގެ އުސްމިން ހުރި ސުނާމީއެއް އަރާފައިވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ފިލިޕީންސްގެ ކަބްލަލަންގެ ދެކުނު ހުޅަނގުން 26 ކިލޯމީޓަރު ދުރުން، 55.2 ކިލޯމީޓަރުގެ އަޑިއަށެވެ.

މި ހާދިސާއާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީ ވަނީ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އަދި ޖަޕާނުގެ ފަޔަރ އެންޑް ޑިޒާސްޓަރ މެނޭޖްމަންޓް އެޖެންސީން ހާމަކުރި ގޮތުގައި، ޗިބާ، ކޯޗީ އަދި އޮކިނާވާ ހިމެނޭ ގޮތަށް 10 ޕްރިފެކްޗާއެއްގެ 195,000 އަށް ވުރެ ގިނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްފަހަރަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އަންގާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު