މާރުކޭޓުގައި މަސް ކަނޑަނީ-
މާރުކޭޓުގައި މަސް ކަނޑަނީ-
ކަނޑުމަހުގެ މަސްވެރިކަން މިދުވަސްވަރު ދަށްވަމުންދާތީ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު 18.50 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އެ ކުންފުނީގެ ހުރިހާ ސެންޓަރު ތަކަކުންވެސް މަސް ގަންނަމުންދާނީ ކިލޯއެއް 18.50 ރުފިޔާއަށް ކަމަށެވެ. މީގެކުރިން މިފްކޯއިން މަސް ގަންނަމުން އައީ ކިލޯއެއް 17 ރުފިޔާގެ މަގުންނެވެ.

މަސް ގަންނަ އަގަށް މި ގެނައި ބަދަލާ ގުޅޭގޮތުން މިފްކޯއިން ބުނީ، މި ދުވަސްވަރަކީ މޫސުން ގޯސްވުމުގެ ސަބަބުން މަސްވެރިކަން އާދަޔާ ހިލާފަށް ދަށް ދުވަސްވަރަކަށްވެފައި، މަހަށް ފުރުން ވެސް މަދުވެފައިވާ ދުވަސްވަރެއް ކަމަށެވެ. އެހެންކަމުން މި ބަދަލަކީ މަސްވެރިންނަށް ލިބޭ ގެއްލުން ކުޑަކޮށް، މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސްވެރިން އަތުން 16 ރުފިޔާއަށް ވުރެ ދަށް ނޫން އަގެއްގައި މަސް ގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، މިފްކޯއިން މަސް ގަންނަމުން ގޮސްފައިވަނީ 16 ރުފިޔާއަށް ވުރެ މަތީ އަގުތަކުގައެވެ.

ކަޅުބިލަމަސް ގަންނަ އަގު މަތިވި ނަމަވެސް، ކަންނެލި ކިލޯއެއް މިފްކޯއަށް ގަންނަމުން ދަނީ 20 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކަށެވެ.

މީގެ އިތުރުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ވެސް ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު