ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް)
ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް)
މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ކުރިއަށްދާ "މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ (މައިޑް) 2026" ގައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އިން ބައިވެރިވެ، ރާއްޖޭގެ ކަނޑުފަޅުގެ ފަތުރުވެރިކަމާއި ލައިވްއަބޯޑުތަކުގެ ޚިދުމަތްތައް ފުޅާދާއިރާއެއްގައި އިޝްތިހާރުކުރަން ފަށައިފިއެވެ.

މި މަހުގެ 5 އިން 7 އަށް މެލޭޝިއާ އިންޓަނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރ (މައިޓެކް) ގައި ކުރިއަށްދާ މި އެކްސްޕޯއަކީ، ރާއްޖޭގެ މެރިން ޓޫރިޒަމް އޭޝިއާގެ ބާޒާރުގައި އިތުރަށް ފުޅާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެން.ބީ.އޭ.އެމް އިން ފާހަގަކުރެއެވެ. "ބޯޓިންގ މޯލްޑިވްސް" ގެ ބެނާގެ ދަށުން ކުރިއަށްދާ މި ހަރަކާތުގައި، ރާއްޖޭގެ މުއްސަނދި ކަނޑުފަޅުތަކާއި ޑައިވިންގގެ ފުރުސަތުތައް އޭޝިއާ ސަރަޙައްދުގެ ފަތުރުވެރިންނަށް ތައާރަފްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



އެން.ބީ.އޭ.އެމް


މިކަމާ ގުޅޭގޮތުން އެން.ބީ.އޭ.އެމް ގެ ރައީސް އިސްމާއިލް ޝަރީފް ވިދާޅުވީ، މިއީ އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ ޑައިވިންގ އާއި ކަނޑުދަތުރުފަތުރުގެ އެންމެ ހާއްސަ މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ހާއްސަކޮށް، މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ވައިގެ ދަތުރުފަތުރުގެ ފަސޭހަކަމާއި، ސީދާ ފްލައިޓްތައް އޮތުމުގެ ސަބަބުން، އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެއަކީ ވަރަށް ފަސޭހައިން އާދެވޭ އަދި ފެންވަރު ރަނގަޅު ޑައިވިންގ މަންޒިލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެން.ބީ.އޭ.އެމްގެ ޕެވިލިއަންގައި ރާއްޖޭގެ ލައިވްއަބޯޑުތަކާއި ޚާއްސަ ޑައިވް ސަފާރީތަކުގެ ފެންވަރު ދައްކައިދިނުމަށް ތަފާތު ހަރަކާތްތައް ދަނީ ހިންގަމުންނެވެ. މި އެކްސްޕޯގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގްވާމީ ފެންވަރުގެ އައު ވިޔަފާރި ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އެންމެ ފުރިހަމަ ޑައިވިންގ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމެވެ.

މި ހަރަކާތުގެ ސަބަބުން އޭޝިއާގެ ޑައިވިންގ އާއި ޓުއަރ އޮޕަރޭޓަރުންނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖޭގެ މެރިން ޓޫރިޒަމް ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ އެސޯސިއޭޝަނުން އުންމީދު ކުރެއެވެ. މައިޑް އެކްސްޕޯއަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޑައިވަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން ޒިޔާރަތްކުރާ މުހިންމު ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު