ރާމިސާ އަޚްތަރު ރޭޕްކޮށް، އަނިޔާވެރިގޮތަކަށް މަރާލި މައްސަލަ
ރާމިސާ އަޚްތަރު ރޭޕްކޮށް، އަނިޔާވެރިގޮތަކަށް މަރާލި މައްސަލަ
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަށް އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ ރާމިސާ އަޚްތަރު ރޭޕްކޮށް، އަނިޔާވެރިގޮތަކަށް މަރާލި މައްސަލައިގައި، އެ މައްސަލައިގެ ތުހުމަތުކުރެވޭ ސޮހެލް ރާނާ އާއި އޭނާގެ އަންހެނުން ސުވަޕްނާ އަޚްތަރުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ޑާކާގެ ޗިލްޑްރެންސް ވައިލަންސް ސަޕްރެޝަން ޓްރައިބިއުނަލުން މި ހުކުމް އިއްވީ، މި ހިތާމަވެރި ހާދިސާ ހިނގިތާ ކުރު މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރި އަވަސް ޝަރީއަތަކަށް ފަހުގައެވެ.

​މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ޑާކާގެ ޕައްލަބީ ސަރަހައްދުގައި ހިނގި މި ހާދިސާއަކީ އެ ގައުމުގައި ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުން އަމާޒުވި ބޮޑު މައްސަލައެކެވެ.

މި މައްސަލައިގެ ޝަރީއަތް ރެކޯޑް މުއްދަތެއްގެ ތެރޭގައި ނިންމާލާފައިވާއިރު، މިއީ އެ ގައުމުގެ ޝަރުއީ ތާރީޚުގައި އެންމެ އަވަހަށް ނިންމި އެއް މައްސަލަ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

​މި މައްސަލައިގައި ކުށްވެރިވި ދެމަފިރިންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ރާމިސާގެ އާއިލާ އާއި އެ ގައުމުގެ އާންމުން ދިޔައީ ގޮވާލަމުންނެވެ.

އެގޮތުން، ޝަރީއަތުގެ މަޖިލީހުގައި ސޮހެލް ރާނާ ކުށަށް އިއުތިރާފުވެފައިވާއިރު، އޭނާގެ އަންހެނުން ސުވަޕްނާގެ މައްޗަށް ވަނީ މި ޖަރީމާ ހިންގުމަށް އެހީތެރިވެދިން ކަމުގެ ކުށް ސާބިތުވެފައެވެ.

މި ހުކުމާ ގުޅިގެން ރާމިސާގެ އާއިލާއިން ވަނީ ޝަރީއަތަށް ޝުކުރު އަދާކޮށް، އިންސާފު ލިބުނު ކަމަށް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު