އިބްރާހީމް އަމީރު
އިބްރާހީމް އަމީރު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް ނަސީމްއާއި އޭނާގެ ޓީމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ "ބޮޑު ބަދަލު" ކެންޕޭނުގެ ދަށުން ގައްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަމީރު ވިދާޅުވީ، ސިޔާސީ މައިދާނުގައި މިހާރު ތިބި އެންމެންނަކީ ވެސް ވަކި ކޮޅެއް ނަގައިގެން ތިބި ބޭފުޅުން ކަމަށެވެ.

ނަމަވެސް، "ހިޔަޅު ބުއްދި" ބޭނުންކޮށްގެން އެކަން ހާމަކޮށް ބުނަން ނުކެރިގެން އުޅެނީ ކަމަށް އޭނާ ވިދާޅުވިއެވެ.

​ރައީސް ނަޝީދު ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވަމުން ފައްޔާޒު އިސްމާއިލަށް ތާއީދު ކުރައްވާތީ މީކާއީލްގެ ޓީމުން ފާޑުކިޔާ މައްސަލައަށް އިޝާރާތް ކުރައްވައި އަމީރު ވިދާޅުވީ، އެންމެން ވެސް ތިބީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް އަމާޒު ހިފައިގެން ކަމަށާއި އެކަން ފެންނަން އެބަހުރި ކަމަށެވެ.

​މި ޖަލްސާގައި އަމީރު ވަނީ ނުސީދާކޮށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން ރަސްމީކޮށް އިއުލާން ނުކުރައްވައި، ސިއްރިއްޔާތުގައި ކެންޕޭން ކުރައްވާތީ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ، ސަރުކާރުގެ އޮފީސްތައް ބޭނުންކޮށްގެން ކެންޕޭން ކުރިއަށް ގެންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ނަމަވެސް އަމިއްލަފުޅަށް ވާދަކުރައްވާ ވާހަކަ އާއި ގައުމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކަ ދައްކަން ކެމެރާ ކުރިމައްޗަށް އަރަން ނުކެރޭ ކަމަށެވެ.

ސިޔާސީ ކަންކަން ކުރަން ބޭނުންވަނީ މިފަދަ ހީލަތްތެރި ގޮތަކަށް ފޮރުވިގެން ނޫން ކަމަށާއި، ހަގީގަތް ހާމަކުރަން ކެރޭ ބަޔަކާ އެކު ނޫނީ ސިޔާސީ މަސައްކަތް ކުރަން ބޭނުންފުޅު ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

​މީގެ އިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވި ސަބަބުތަކަށް އަލިއަޅުވާލައްވަމުން އަމީރު ވިދާޅުވީ، އެ އިންތިޚާބުން އެމްޑީޕީ ބަލިވީ ރައީސް ނަޝީދު ނުލައި އެކަން ކުރަން މަސައްކަތް ކުރުމުގެ ސަބަބުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް