އެމްޑީޕީގެ އެތެރޭގެ ވަރުގަދަ ވާދަވެރިކަމެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ވެރިކަން ހޯދުމަށްޓަކައި ހަމައެކަނި ވަށައިގެން ތިބި ވަކި ފެކްޝަނެއްގެ މީހުން އެކަނި ގާތްކޮށްގެން ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސް މުޙައްމަދު ނަޝީދަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ގދ. ތިނަދޫގައި ބޭއްވުނު އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވަކި ޕާޓީއަކަށް ނުވަތަ ވަކި ފެކްޝަނަކަށް އެކަނި ނުކުމެ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަކީ އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު ވެސް ވެރިކަމަށް އާދެވިފައިވަނީ ކޯލިޝަންތަކުގެ އެހީގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެނިއްޖެ ޙަޤީޤަތް، 2018 ގައި ވެސް ހަމަ ކޯލިޝަނެއް ހަދައިގެން. ރައީސް ޔާމީން ވަޑައިގަތީ 2013 ގައި ކޯލިޝަނަކުން. ދެން އައީ އަޅުގަނޑު. އަޅުގަނޑަށް ވެސް އާދެވުނީ އެމް.ޑީ.ޕީ އަށް ވެރިކަން ދިނުމަށް ހަމަ ކޯލިޝަނަކުން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެ ތަރައްޤީ ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކަށް އެމްޑީޕީން މަރުޙަބާ ކިޔަންޖެހޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ކާމިޔާބީ ހޯދޭނީ ގިނަ ބައެއްގެ ތާއީދާ އެކުގައި ކަމަށެވެ.

އެމްޑީޕީގެ މިހާރުގެ ޙާލަތަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ޕާޓީގައި 60000 އެއްހާ މެންބަރުން ތިބި ނަމަވެސް، ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރަން އިތުރަށް 91،000 އެއްހާ ވޯޓު ބޭނުންވާނެ ކަމަށެވެ. އަދި މި ވޯޓުތައް ހޯދޭނީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ފަދަ، އެމީހުން ބައިވެރިކުރެވޭނެ ސިޔާސަތުތަކެއް ގެންގުޅެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޞާލިޙް ވަނީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމަށް ތާއީދުކުރައްވާ ސަބަބު ހާމަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ވެރިކަމަށް ކުރިމަތިލާން ބޭނުންވާ ގިނަ ސިޔާސީ ލީޑަރުންތަކެއް ތިބި ޕާޓީއެއް ކަމަށެވެ.

" މިޕާޓީއަކީ ވަރަށް ގިނަ ސިޔާސީ ލީޑަރުން ތިބި ޕާޓީއެއް، ރާއްޖޭގެ ވެރިކަަމަށް ކުރިމަތިލާން ބޭނުންވާ ކިތަންމެ ބަޔަކު މި ޕާޓީގައި އެބަތިބި އެހުރިހާ ބޭފުޅުންނަށް ހަމަ ހަމަ ފުރުސަތު މީކާއީލް ދެއްވާނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު