އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ވޯޓުގެ ގެ ކަންކަން ކުރިއަށްދިޔައީ ޖުމުލަގޮތެއްގައި ވަރަށް ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މި އިންތިޚާބާ ގުޅޭގޮތުން އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ އާއި މާލޭ ސިޓީގައި ވޯޓުލުމަށް ގާއިމުކުރި ހުރިހާ މަރުކަޒުތަކެއް އެ ކޮމިޝަނުން އޮބްޒާވްކޮށްފައިވާ ކަމަށެވެ. މިއީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން އިންސާނީ ހައްގުތައް ފޯރުކޮށްދޭ މިންވަރު މޮނިޓަރު ކުރުމަށް އެ ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީ، ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔަ ގޮތް ވަރަށް ގާތުން ބަލާފައިވާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.

އެޗްއާރުސީއެމް އިން ފާހަގަކުރި ގޮތުގައި، މި އޮބްޒަވޭޝަންގެ މައިގަނޑު މަގުސަދަކީ މިއީ ރައްޔިތުންގެ ސީދާ ބައިވެރިވުން އޮތް، މިނިވަން އިންސާފުވެރި، އަދި ހާމަކަން ބޮޑު އިތުބާރު ހުރި ވޯޓެއްތޯ ކަށަވަރު ކުރުމެވެ. އެގޮތުން ވޯޓު ނެގުމުގެ ކަންކަން މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ ސުލްހަވެރިކަމާއި އަމާންކަމާއެކު އޮމާންކޮށް ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

އިންތިޚާބުގެ އިންތިޒާމުތައް ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި މަސައްކަތްތަކަށް އެޗްއާރުސީއެމް އިން ވަނީ ތައުރީފުކޮށްފައެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން އަދާކުރި ދައުރާއި، ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ދެއްވި އެއްބާރުލުން ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ވޯޓުލުމުގެ ހައްގު އަދާކުރި ހުރިހާ ރައްޔިތުން ދިމިގްރާތީ ރޫހު ކުރިއަރުވައި ދެމެހެއްޓުމަށް ކުރި މަސައްކަތް ބަލައިގަންނަ ކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ. ޖުމުލަގޮތެއްގައި، އިލެކްޝަންސް ކޮމިޝަނުން ވޯޓު ނެގުމުގެ ކަންކަން ގެންގޮސްފައިވަނީ ވަރަށް ފުރިހަމަ އަދި ރޭވުންތެރި އިންތިޒާމުތަކެއްގެ ތެރެއިންކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) އެވެ.



ކިޔުންތެރިންގެ ހިޔާލު