މުޅި ރާއްޖެއިން މިހާރު ސާބިތުކޮށްދެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން އިންތިހާއަށް ނުރުހުންވެ، ރުޅި އައިސްފައިވާކަން ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ކާމިޔާބީއަށް މަރުހަބާ ދަންނަވައި ޖަމީލް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް މުއިއްޒާއި ޕީއެންސީ ނޫން ގޮތެއް ކަން މި ނަތީޖާއިން ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުރުހުން ހާމަވި ދަނޑިވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖަމީލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުން މި ނަތީޖާއިން ހިތްވަރު ލިބިގަނެ، ސަރުކާރުގެ ނުފޫޒުން މިނިވަންވެ ރައްޔިތުންގެ ހައްގުގައި ތެދުވާންވީ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ސިޔާސީ މައިދާނުން ރައީސް މުއިއްޒުގެ "ޗެޕްޓަރު" ނިމުމަކަށް އަންނަން ފަށާފައިވާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް