ޤުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް
ޤުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އޮތް ޤާނޫނީ އޮނިގަނޑުތައް ބަލިކަށިކޮށް، ޤުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ދެމުންދާކަމަށް ބުނެ 'އިކޯކެއާ މޯލްޑިވްސް' އާއި 'ޓްރާންސްޕޭރެންސީ މޯލްޑިވްސް' އިން އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފިއެވެ.

މި ޖަމިއްޔާތަކުން އިސްނަގައިގެން އެހެން ޖަމިއްޔާތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ފަރުތަކާއި، ކަނޑޫފާތަކާއި، ކަނޑުގެ ދިރުންތަކުގެ އިތުރުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ލިބިދީފައިވާ ޤާނޫނީ ރައްކާތެރިކަން ނިޒާމީ ގޮތެއްގައި ނިގުޅައިގަނެ، މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ނުރައްކާތެރި ހާލަތަކަށް ރާއްޖޭގެ ތިމާވެށި މިހާރު ވަނީ ވެއްޓިފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކިއެކި ސަރުކާރުތަކުން ތިމާވެއްޓާމެދު އަމަލުކުރަމުންދާ ގޮތަކީ ނިޒާމީ ސިފައެއްގައި ތިމާވެށި ސުންނާފަތިކުރުމުގެ އަމަލުތަކެއް ކަމަށެވެ.

އެގޮތުން، އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ މިނިވަންކަން ގެއްލުވާލުމާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ތިމާވެއްޓަށް ގެއްލުންދެނިވި މަޝްރޫއުތައް ހިންގުމާއި، މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމާއި، އަދި ވިލިމާލެ އާއި އައްޑޫ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް ފަދަ ތަންތަނަށް ނުރައްކާވާ ފަދަ ދެފުށް ނުފެންނަ މަޝްރޫއުތައް އަވަސްއަރުވާލައިގެން ހިންގުމަކީ، ދުރު ރާސްތާގެ ރޭވުންތެރިކަމުގެ ބަދަލުގައި ސިޔާސީ މަންފާއަށް ޓަކައި ތިމާވެށި ޤުރުބާންކުރުން ކަމަށް އެ ޖަމިއްޔާތަކުން ވަނީ ސިފަކޮށްފައެވެ.

މި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުން، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރާ އިދާރާތަކަށް ފުރިހަމަ މިނިވަންކަން ދިނުމަށާއި، ތިމާވެށީގެ އޮނިގަނޑަށް ގެނެސްފައިވާ ގެއްލުންދެނިވި ބަދަލުތައް ވަގުތުން އުވާލުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

އޭގެ އިތުރުން، މިހާތަނަށް ހިއްކާފައިވާ ހުރިހާ ބިމެއްގެ ތަފްސީލުތަކާއި އެ ބިންތައް ބޭނުންކުރާ ގޮތުގެ ރިޕޯޓެއް އާންމުކުރުމަށާއި، އާ މަޝްރޫއުތައް ފެށުމުގެ ކުރިން އެކަމުގެ ބޭނުންތެރިކަން ސާފުކޮށްދިނުމަށް ވަނީ އެދިފައެވެ.

އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ދައުލަތަށް އަނބުރާ ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށާއި، ތިމާވެށީގެ މައުލޫމާތާއި އީއައިއޭ ރިޕޯޓުތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ގޮވާލާފައެވެ.

އެންމެ ފަހުން، ތިމާވެށީގެ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ދިރާސާކުރާ ފަރާތްތަކާއި ނޫސްވެރިންނަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ހިއްކާލެވޭ ކޮންމެ ފަރަކާއި ކަނޑާލެވޭ ކޮންމެ ގަހަކީ ކުރިމަގުގެ ޖީލުތަކަށް ދެވޭ އަނިޔާއެއްކަމަށް ބަޔާންކޮށް، މިހާރު ގެއްލެމުންދާ ވަސީލަތްތަކަކީ އަނބުރާ ނުހޯދޭނެ ތަންތަންކަމަށް ޖަމިއްޔާތަކުން ވަނީ އިންޒާރުދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ކޮންމެ އަހަރެއްގެ ޖޫން 5 ގައި ފާހަގަކުރަމުންދަނީ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް