ބައި-އިލެކްޝަންގެ ވޯޓުލުން ފޯރިއާއެކު ކުރިއަށް
ބައި-އިލެކްޝަންގެ ވޯޓުލުން ފޯރިއާއެކު ކުރިއަށް
އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފޯރިއާއެކު ކުރިއަށްދާ އިރު، ވޯޓުލުމަށް ނުކުންނަ ފިރިހެނުންގެ އަދަދު އަންހެނުންނަށް ވުރެ އިތުރުކަން ފާހަގަކުރެވެ އެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 4،121 މީހަކަށް ލިބިފައިވާ އިރު، ހެނދުނު 12:00 އާ ހަމައަށް ޖުމްލަ 1080 މީހުން ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 551 ފިރިހެނުންނާއި 529 އަންހެނުންނެވެ.

މި ދާއިރާގެ ވޯޓާސް ލިސްޓަށް ބަލާއިރު، ވޯޓުލުމުގެ ހައްގު ލިބިފައިވާ ފިރިހެނުންގެ އަދަދަކީ 2،048 އެވެ، އަދި އަންހެނުންގެ އަދަދަކީ 2،073 އެވެ.

މި ބައި-އިލެކްޝަންގައި ޖުމްލަ 7 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އެގޮތުން ހިތަދޫ ސްކޫލުގައި 5 ފޮށި އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި 2 ފޮށި ވަނީ ބަހައްޓާފަ އެވެ. މި އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އެމްޑީޕީގެ ފަރާތުން އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޮޑާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ކައުންސިލަރެއް ކަމުގައިވާ އިރު، ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، ކުރިން އެ ދާއިރާ ތަމްސީލު ކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއް އޮތުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް