ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)
ރައީސް މުޙައްމަދު ނަޝީދަކީ ޒުވާނުންގެ ކުރިއެރުމަށްޓަކައި އާ ވިސްނުންތަކެއް ގެންގުޅުއްވާ، އެ ފަރާތްތަކުގެ ހައްގުގައި އެންމެ ވަރުގަދައަށް ވަކާލާތު ކުރައްވާނެ ޝަޚުސިއްޔަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ބޭއްވި ”ބޮޑު ބަދަލު“ ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަށް ނުކުމެވަޑައިގެން ހުންނެވި ރައީސް ނަޝީދަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޒުވާނުންގެ މެދުގައި މަގުބޫލު ’ޓްރެންޑް‘ތައް އުފައްދަވައި، ޒުވާނުންނަށް ބޮޑު އިންސްޕިރޭޝަނެއް ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ނަޝީދު އިންތިޚާބަށް ކުރިމަތިލެއްވުމަކީ އެންމެ ޔަގީންކަން ބޮޑު މަގުކަމަށާއި، ފައްޔާޒު އިސްމާއިލާއެކު އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ މުޅި ޕާޓީ އެއްގަލަކަށް އެރުވުމުގެ މަސައްކަތް ކަމަށް އިންތި ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުގެ ކެމްޕޭނަކީ ރައްޔިތުންނާ އޮތް ގުޅުމުގެ މައްޗަށް ބިނާވެފައިވާ ކެމްޕޭނެއް ކަމަށާއި، އެމަނިކުފާނަކީ ސިޔާސީ މައިދާނުގައި ”ކިންގް މޭކާ“އެއްގެ ގޮތުގައި ހުންނަވައިގެން ވެސް ހަރުދަނާ ބަސް ބުނެދޭ ޝަޚުސިއްޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޒުވާނުންގެ އިހުސާސްތައް ދެނެވަޑައިގަންނަވާ އަދި އެކަންކަމަށް އާ ތަސައްވުރެއް ގެންގުޅުއްވާ ހަމައެކަނި ބޭފުޅަކީ ރައީސް ނަޝީދު ކަމުގައި ވިދާޅުވެ، އިންތި ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ”ޒުވާނުންގެ ކުރިއެރުމަށް އާ ތަސައްވުރެއް، އިންސިއަކަށް ޖިންނިއަކަށް ރައީސް ނަޝީދު ފިޔަވާ ދެއްކިފައިއެއް ނެތް،“ އިންތި ވިދާޅުވިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބަކީ ޕާޓީގެ ކުރިމަގާއި ޒުވާނުންގެ ބައިވެރިވުން ކަނޑައަޅާނެ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމަށް ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ބަދަލުތަކަކީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް، ސިޔާސީ މައިދާނުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް