މިއަދަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މި އަހަރުގެ ޝިއާރުގައި ބުނަނީ:

"Inspired by Nature. For Climate. For Our Future"

މިހެނެވެ. އާދެ، މި ޝިއާރުން ދޭހަވަނީ ގުދުރަތުން މިސާލު ނަގައިގެން އަދި އޭގެ ބޭނުން ހިފައިގެން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަނެ އަންނަން އޮތް ޖީލުތަކަށް ދިރިއުޅެވޭނެ ފަދަ ދުނިޔެއެއްް ކަށަވަކޮށްދޭ ވާހަކައެވެ. މޫސުމަށްޓަކައި، އަހަރެމެންގެ މުސްތަޤުބަލަށްޓަކައި، ގުދުރަތީ މިސާލުތަކުން ހިތްވަރުލިބުމުގެ ވާހަކައެވެ. މި ޝިއާރުން ގޮވާލަނީ ދުނިޔޭގެ މޫސުން ހިމާޔަތްކޮށް، އަންނާންއޮތް ޖީލުތަކަށްޓަކައި ކުންފުނިތަކާއި ވިޔަފާރިތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ބެހެއްޓުމަށެވެ. ނަމަވެސް، މިހާރު ވެސް އަޅުގަނޑުމެން މި ޖެހެނީ މާލޭގައި ހުރި ކުންފުނިތަކުގެ ހެޑް އޮފީސްތަކާއި ކަނޑުމަތީގައި ދަތުރުކުރާ އުޅަނދުފަހަރުގެ އިންޖީނުގެތަކުގައި ހިނގާ، މި ޝިއާރާ މުޅިން އިދިކޮޅު ހަގީގަތާ ކުރިމަތިލާށެވެ.

ވިހަ ތެލުގެ އަސަރުތަކާއި އިންޖީނުން އުފެދޭ ކަޅުތެޔޮ (ސްލަޖް) އަޅުގަނޑުމެންގެ ނާޒުކު ކަނޑުފަޅުތަކަށާއި ފަރުތަކަށާއި ގޮނޑުދޮށްތަކަށް އަޅަމުންދާއިރު އަޅުގަނޑުމެން ވަރަށް ފަސޭހައިން އެކަން ބޭރުގެ އުޅަނދުފަހަރުގެ "ބޮލުގައި" އަޅުވަމުއެވެ. ނަމަވެސް، މި ފާހަގަކުރެވޭ ތަޣައްޔަރުވުންތަކުގެ ފަހަތުގައި ވާ ހަގީގީ ކުށްވެރިންނަކީ ދިވެހިރާއްޖޭގެ އަމިއްލަ ބޮޑެތި ލޮޖިސްޓިކްސް ކުންފުނިތަކާއި ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނޭހެން ދިވެހި ކުންފުނިތަކުން ހިންގާ އުޅަނދުފަހަރު ކަމުގެ ތުހުމަތުތައް ދަނީ އިތުރުވަމުންނެވެ. ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ބަދަލުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ގޮވާލަމުންދާއިރު، އަޅުގަނޑުމެންގެ އަމިއްލަ ކުންފުނިތަކުން ދަނީ ކަނޑުތައް އެމީހުންގެ އަމިއްލަ ކުނިގޮނޑުތަކެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. މިކަން ހައްލުކުރުމަށްޓަކައި، ކަނޑުމަތީގައި މި އަމަލުތައް ހިންގާ އިންޖީނިއަރުންނާއި، އެކަމަށް ލޯމަރާލައިގެން ތިބޭ ކުންފުނިތަކުގެ މެނޭޖްމަންޓް ހަމަހަމަ ގޮތެއްގައި ޖަވާބުދާރީ ކުރުވަން ޖެހެއެވެ.

ކުށުގެ މައިގަނޑު އަސްލު: މެނޭޖްމަންޓާއި ފަޅުވެރިން

ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކުގެ ތެރެއިން، ޚާއްޞަކޮށް އިންޓަރނޭޝަނަލް ސޭފްޓީ މެނޭޖްމަންޓް ކޯޑް (އައިއެސްއެމް - ISM) ގެ ދަށުންް، ކަނޑުމަތީގެ ތަޣައްޔަރުވުންތަކުން ރައްކާތެރިވުމުގެ މުއާހަދާ (މާޕޯލް - MARPOL) އާ އެއްގޮތަށް އުޅަނދުފަހަރު ހިންގުމަށް ބޭނުންވާ ސޭފްޓީ މެނޭޖްމަންޓް ސިސްޓަމް އެކުލަވާލައި އެއަށް ޚަރަދުކުރުމަކީ ކުންފުނިތަކުގެ މެނޭޖްމަންޓަށް ގާނޫނުން ލާޒިމުކުރާ ކަމެކެވެ.

ކަނޑުތައް ތަޣައްޔަރުވުމުގެ އަސްލަކީ ކުންފުނިތަކުގެ އިސްވެރިން ސީދާ ކެޕްޓަނަށް ނުވަތަ ޗީފް އިންޖީނިއަރަށް ކުނި އެޅުމަށް އަމުރުކުރުމެއް ނޫނެވެ. ނަމަވެސް އެއީ މެނޭޖްމަންޓުން ފަރުވާކުޑަކޮށް ނުބަލައި ދޫކޮށްލުމުގެ ނަތީޖާއެވެ. އުޅަނދުފަހަރުން އުފެދޭ ސްލަޖް ނުވަތަ ކަޅުތެލާއި ތެޔޮ އެކުލެވޭ ބިލްޖް ފެން، އަދި ތެޔޮ އުފުލާ ބޯޓުފަހަރުގެ ޓޭންކްތައް ދޮވުމަށްފަހު އުފެދޭ ނުރައްކާތެރި ސްލޮޕް ފެނަށް ހަދާ ގޮތެއް މެނޭޖްމަންޓުން ނުބަލައެވެ. އެ ކުނިތައް ނައްތާލާ ގޮތް މޮނިޓަރެއް ނުކުރެއެވެ. އަދި ބަނދަރުތަކުގައި ހުންނަ ރިސެޕްޝަން ފެސިލިޓީތަކަށް ދައްކަންޖެހޭ ފީތަކަށް ބަޖެޓެއް ކަނޑައެއް ނާޅައެވެ.

ކުންފުނިތަކުން "ނުބެލުމުގެ" ސިޔާސަތެއް ގެންގުޅުމުން، އޭގެ ބުރަ ބޮޑުވަނީ ބޯޓުގެ ފަޅުވެރިންނަށެވެ. ކުންފުނިން ކަނޑައަޅާފައިވާ ތާވަލުތަކާ އެއްގޮތަށް ދަތުރުކުރާއިރު، ސްލަޖް ޓޭންކްތައް ފުރިގެން ބަންޑުންވުމުން ޗީފް އިންޖީނިއަރުންނަށް މަޖުބޫރުވަނީ "މެޖިކް ޕައިޕް" (ގަވާއިދާ ޚިލާފަށް ހަރުކުރާ ހޮޅިތައް) ބޭނުންކޮށްގެން، ތެޔޮ ފިލްޓަރުކުރާ ނިޒާމުތައް ބައިޕާސްކޮށް، ރޭގަނޑުގެ ކަނުއަނދިރީގައި ކަނޑަށް އެ ވިހަ ތެޔޮތައް ދޫކޮށްލާށެވެ. އައިއެސްއެމް ކޯޑުގެ ދަށުން މިކަމުގައި ދެފަރާތްވެސް ކުށްވެރިވެއެވެ. ސަބަބަކީ އިންޖީނިއަރު އެ އަމަލު ހިންގާއިރު، އެކަމަށް މަގުފަހިކޮށްދޭ ފަރާތަކީ މެނޭޖްމަންޓް ކަމުގައިވާތީއެވެ.

އެތެރޭގެ ދަތުރުފަތުރު: ފަޅުތަކުގެ ތެރޭގައި އޮތް ބޮޑު ނުރައްކާ

ބައިނަލްއަގުވާމީ ސަރަހައްދުތަކުގައި ދަތުރުކުރާ ދިވެހި އުޅަނދުތަކަށް ފާޑުކިޔުން އަމާޒުވާއިރު، ރާއްޖޭގެ އެތެރޭގައި ދަތުރުކުރާ މުދާ އުފުލާ ކުދި ބޯޓުފަހަރާއި، އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމާއި، ރިސޯޓުތަކަށް ސަޕްލައިކުރާ ބާޖުތަކުގެ މައްސަލަ އޮތީ މުޅިން އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

ބައިނަލްއަގުވާމީ ބޯޓުފަހަރުން ގަވާއިދާ ޚިލާފުވާއިރު، ރާއްޖޭގެ އެތެރޭގައި ދަތުރުކުރާ އުޅަނދުފަހަރުގެ ކުނިތަކަށް ހަދަނީ ކިހިނެއް ހެއްޔެވެ؟

މިކަމުގެ ހަގީގަތް ވަރަށް ބިރުވެރިއެވެ. ބައިނަލްއަގުވާމީ ބަނދަރުތަކާ ޚިލާފަށް، ރާއްޖޭގެ ރަށްރަށާއި ސަރަހައްދީ ބަނދަރުތަކުގައި އުޅަނދުފަހަރުގެ ކުނި ބަލައިގަންނާނެ އެކަށީގެންވާ ނިޒާމެއް ނެތެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އިންޖީނުތަކުން އުފެދޭ ތެޔޮފެނާއި ކެމިކަލް އަދި ފާޚާނާ ފެން ސީދާ ފަޅުތަކުގެ ތެރެއަށް ދަނީ ދޫކުރަމުންނެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އުޅަނދުފަހަރުގެ ލައިސަންސް ދޫކުރި ނަމަވެސް، އެ އުޅަނދުފަހަރުގެ ކުނި މެނޭޖްކުރާ ގޮތުގެ އެއްވެސް އެންވަޔަރަންމަންޓަލް އޮޑިޓެއް ނުހަދައެވެ.

އާންމު ޞިއްޙަތާއި ތިމާވެށީގެ ކާރިސާއެއް

ކުންފުނިތަކުގެ މި އިހުމާލަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ޞިއްޙަތަށް އޮތް ބޮޑު ނުރައްކަލެކެވެ. މިއަދުގެ ޝިއާރު ގޮވާލާ ދުނިޔޭގެ މޫސުމީ ވިލުންތެރިކަން ކުންފުނިތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ބަލިކަށިވެގެންދެއެވެ.

ވިހަ މާއްދާތައް ހަށިގަނޑަށް ދިޔުން (Bioaccumulation): ދިވެހި ދިދަ ޖަހާފައިވާ އުޅަނދުފަހަރުން ކަނޑަށް އަޅާ ތެލާއި ސްލަޖްތައް ފެނުގެ ތެރެއަށް ވިރިގެން ނެތިގެންނެއް ނުދެއެވެ. އެ ތަކެތި ބަދަލުވަނީ ކަނޑުގެ ދިރުންތަކުގެ ތެރެއަށް ވަންނަ ވިހަ މާއްދާތަކަށެވެ. މީގެ ސަބަބުން ފަރުމަހާއި ކަނޑުމަސް ތަޣައްޔަރުވެ، އެ މަސް ކާ މީހުންނަށް ދިގު މުއްދަތުގައި ކެންސަރާއި އެހެނިހެން ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ޤުދުރަތީ ރައްކާތެރިކަން ހަލާކުވުން: ދިވެހިރާއްޖެ ސަލާމަތުން މިއޮތީ ފަރުތަކުގެ ސަބަބުންނެވެ. ކަނޑުގެ މަތީގައި އުފެދޭ ތެލުގެ ފަށަލައިގެ ސަބަބުން މުރަކަތަކަށް ބޭނުންވާ އިރުގެ އައްޔަށް ހުރަސްއެޅި، ފަރުތައް ހަލާކުވެ މަރުވެއެވެ. މިއީ ރާއްޖެ ވަށައިގެންވާ ގުދުރަތީ އައްޑަނަ އަމިއްލަ އަތުން ހަލާކުކުރުމެވެ.

ތަންފީޒީ އިދާރާތަކުގެ ދައުރު (ކޯސްޓްގާޑާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ): މި އިހުމާލުވުންތައް ހުއްޓުވުމަށްޓަކައި، ރާއްޖޭގެ ތަންފީޒީ އިދާރާތައް ފާރަވެރިވެ، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.



އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ): އެޖެންސީގެ އިދާރީ ބާރުގެ ބޭނުން ހިފައި، ޝިޕިންގ ކުންފުނިތަކުގެ އޮފީސްތަކުގެ ފޮރެންސިކް އޮޑިޓްކުރަން ޖެހެއެވެ. ކުންފުނިތަކުން ބޭނުންކުރާ ތެލުގެ ނިސްބަތުން އުފެދޭނެ ކުނީގެ މިންވަރު ބަލައި، އެ ތަކެތި ބަނދަރުތަކަށް އުކާލިކަމުގެ ރަސީދުތަކާ ދިމާވޭތޯ ބަލަންޖެހެއެވެ. ހިސާބުތައް ދިމާނުވާނަމަ ކުންފުނިތައް ބޮޑު އަދަދުން ޖޫރިމަނާކުރަން ޖެހެއެވެ.

ދިވެހި ކޯސްޓްގާޑް: ކޯސްޓްގާޑުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް ފުޅާކޮށް، ވިޔަފާރި އުޅަނދުފަހަރަށް ދުރާލާ އެންގުމެއް ނެތި އަރައި ބަލައިފާސްކުރުމުގެ އޮޕަރޭޝަންތައް (VBSS) ހިންގަންޖެހެއެވެ. މިގޮތުން އިންޖީނުގެތަކާއި ޓޭންކްތައް ބަލައި ފާސްކުރަން ޖެހެއެވެ. ތެޔޮ ފިލްޓަރުކުރާ ސިސްޓަމްތައް ހުރީ ރަނގަޅަށްތޯއާއި އޮއިލް ރެކޯޑް ބުކްތައް ބަލައި ކަށަވަރުކުރަން ޖެހެއެވެ.



ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހޭ

މިއަދު އަޅުގަނޑުމެން ޖެހޭނީ ހަމައެކަނި ގޮނޑުދޮށްތައް ސާފުކުރުމުގެ ބަދަލުގައި، ކަނޑުގެ ޤާނޫނުތައް ފުރިހަމައަށް ތަންފީޒުކުރާށެވެ. މިގޮތުން:



1- އީ.ޕީ.އޭ އާއި ކޯސްޓްގާޑުގެ ގުޅިފައިވާ ޓާސްކްފޯސް: ކަނޑުމަތީގައާއި ކުންފުނިތަކުގެ އޮފީސްތަކުގައި ކުއްލި އޮޑިޓްތަކާއި އިންސްޕެކްޝަންތައް ހިންގުމަށް ޚާއްޞަ ޓާސްކްފޯހެއް އުފައްދަންޖެހެއެވެ.

2- ކުނި ބޭރުކުރިކަމުގެ މަޖުބޫރު ޓްރެކިންގ: އުޅަނދުފަހަރުގެ ކަޅުތެޔޮ ގަވާއިދުން ނައްތާލިކަމުގެ ރަސީދު ހުށަނާޅަނީސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އެއުޅަނދަކަށް ދެވަނަ ދަތުރަކަށް ފުރުމުގެ ހުއްދަ (ޕޯޓް ކްލިއަރެންސް) ދީގެން ނުވާނެއެވެ.

3- ޤާނޫނީ ގޮތުން ދެފަރާތް ޒިންމާދާރުކުރުން: މާޕޯލް އާ ޚިލާފުވާ ކުންފުނިތަކުގެ ލައިސަންސް ހިފަހައްޓައި ބޮޑެތި ޖޫރިމަނާތައް ކުރަންޖެހޭއިރު، އެ އަމަލު ހިންގި ކެޕްޓަނުންނާއި ޗީފް އިންޖީނިއަރުންނަށް ޖިނާއީ ދަޢުވާ އުފުލަންޖެހެއެވެ.

އަމިއްލަ އުޅަނދުފަހަރުން އަޅުގަނޑުމެންގެ ކަނޑުތައް ވިހަކުރަމުންދާއިރު، ދުނިޔޭގެ ކުރިމަތީގައި ތިމާވެށީގެ ވަކާލާތުކުރުމުގެއެއްވެސް ޖާގައެއް ރާއްޖެއަކަށް ނެތެވެ. މާޕޯލް އަށް ބޯލެނބުމަކީ އިޚްތިޔާރީ ކަމެއް ނޫނެވެ. އެއީ މި ޤައުމުގެ ސަލާމަތާއި މުސްތަގުބަލާ ގުޅިފައިވާ ކަމެކެވެ. މި ތިމާވެށީގެ ދުވަހު، ހަމައެކަނި ދުނިޔޭގެ ޝިއާރުތަކުން ރީތި ނަމޫނާ ދެއްކުމުގެ ބަދަލުގައި، އަމިއްލަ ޝިޕިންގ ކުންފުނިތަކާއި، ތަންފީޒީ އިދާރާތައް ހަގީގީ މާނައިގައި ޒިންމާދާރުކުރުވަމާ ހިނގާށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް