ކައިވެނިނުކުރާ މީހަކު ހޯދުމަށް ގިނަބަޔަކު އިސްކަންދިން ނަމަވެސް، ވަރިވެފައިވާ އަންހެނުންގެ ތެރޭގައި ދިރިއުޅުމުގެ ތަޖުރިބާލިބިފައިވާ، ހަރުދަނާ އަދި ރަނގަޅު އާދަކާދަތަކެއްގެ ސަބަބުން ކާމިޔާބު ބައިވެރިއަކަށް ވުމުގެ ޤާބިލުކަން ހުރި އެތައް ބަޔަކު ތިބެއެވެ. އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމަޢުގެ ތެރޭގައި ވަރިވެފައިވާ އަންހެނުންނާ މެދު ބައެއް ފަހަރު ނޭދޭވޭ ގޮތްގޮތަށް ދެކޭކަމީ ހިތާމަޔާއެކު ފާހަގަކޮށްލަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަޤީގަތަކީ މީހެއްގެ އަގު ވަޒަންކުރަންވާނީ އެމީހެއްގެ ކައިވެނީގެ ތާރީޚަކުން ނޫނެވެ. ވަރިއަކީ ކުރިން ކުރި ކައިވެންޏެއް ކާމިޔާބު ނުވުމެވެ. އެއީ އެ މީހެއްގެ އަޚްލާޤާއި، ދީންވެރިކަމާއި، ނުވަތަ އޯގާތެރިކަން މިނެކިރާ މިންގަނޑެއް ނޫނެވެ.

ދިރިއުޅުމުގެ ބައިވެރިއަކު ހޯދުމުގައި އެންމެ މުހިންމުކަން ދޭންޖެހޭނީ އެމީހެއްގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކަށެވެ. އެގޮތުން ރަނގަޅު އަޚްލާޤާއި، ތެދުވެރިކަމާއި، ދީންވެރިކަމުގެ އިތުރުން ދެމީހުންގެ ގުޅުމުގެ ބަދަހިކަމަށް އިސްކަންދޭންވާނެއެވެ. ވަރިވެފައިވާ ގިނަ އަންހެނުންނަކީ ދިރިއުޅުމުގެ އިމްތިޙާނުތަކުން ފިލާވަޅު ލިބި، ކައިވެންޏެއް ކާމިޔާބުކުރުމަށް ބޭނުންވާ މުހިންމު ކަންކަން ރަނގަޅަށް ދަންނަ ބަޔެކެވެ.

ކައިވެނިކުރުމަށްޓަކައި އެކަށީގެންވާ ބައިވެރިއަކު ހޯދުމުގައި އާއިލާގެ އެހީތެރިކަމާއި، އިތުބާރުހުރި ރަޙުމަތްތެރިންގެ އިރުޝާދާއި، އަދި ކައިވެނިކޮށްދޭ އިދާރާތަކުގެ އެހީތެރިކަން ހޯދިދާނެއެވެ. އިސްލާމީ މުޖުތަމަޢުތަކުގައި އާއިލާތަކާއި، ދީނީ ޢިލްމުވެރިންނާއި، އަދި ކައިވެނީގެ ޚިދުމަތްދޭ ފަރާތްތަކުން އެކަށޭނަ ބައިވެރިން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. މިގޮތަށް ކައިވެނި ހަމަޖެއްސުމަކީ އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖޭގައި އެހާ އާންމު ގޮތެއްނޫން، އެކަމަމު މިކަހަލަ ގޮތް ގޮތަށް ކަންކަން ކައިވެނި ހަމަޖެއްސުމަކީ ބޭރު ދުނިޔޭގައި ވަރަށް އާންމުކަމެކެވެ.

ބައިވެރިއަކު އިޚްތިޔާރުކުރާއިރު، ދެމީހުންގެ މެދުގައި އިޙްތިރާމާއެކު ވާހަކަދެކެވޭންޖެހެއެވެ. މުސްތަޤުބަލުގެ ލަނޑުދަނޑިތަކާއި، އާއިލީ ޒިންމާތަކާއި، އަދި ދީނީ ކަންކަމާ މެދު މަޝްވަރާކުރުން މުހިންމެވެ. އެކަކު އަނެކެއްގެ ތަޖުރިބާތައް ދެނެގަނެ، ކުރީގެ ގޮންޖެހުންތަކުން ފިލާވަޅު ލިބިގަތުމަކީ ބަދަހި ކައިވެންޏެއްގެ ބިންގަލެވެ.

އިސްލާމްދީން އުނގަންނައިދެނީ މީހެއްގެ މާޒީއަށް ބެލުމުގެ ބަދަލުގައި އެމީހެއްގެ ދީންވެރިކަމާއި އަޚްލާޤަށް ބަލައި މީހުން ވަޒަންކުރުމަށެވެ. މާތް ނަބިއްޔާ ﷺ ގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ގިނަ ބޭކަލުން ވަނީ ހުވަފަތްވެފައިވާ ނުވަތަ ވަރިވެފައިވާ އަންހެނުންނާ ކައިވެނި ބައްލަވައިގެންފައެވެ. މިއިން އެނގެނީ މީހެއްގެ ކުރީގެ ކައިވެނީގެ ހާލަތަކީ އުފާވެރި ދިރިއުޅުމެއް ހޯދުމަށް އޮތް ހުރަހެއް ނޫންކަމެވެ.

ކާމިޔާބު ކައިވެންޏެއް ބިނާވެފައިވަނީ އިތުބާރާއި، އިޙްތިރާމާއި، އަދި އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށެވެ. އަންހެނަކީ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ނޫން ކަމުގައި ވިޔަސް، އެންމެ މުހިންމީ އެމީހެއްގެ ތެދުވެރިކަމާއި، ލޯތްބާއި އޯގާތެރިކަމާއެކު އާއިލާއެއް ބިނާކުރުމަށް ހުރި ޝައުޤުވެރިކަމެވެ.

ވީމާ، ދިރިއުޅުމުގެ ބައިވެރިއަކު ހޯދާއިރު މުޖުތަމަޢުގެ ބައެއް ނުބައި ވިސްނުންތަކަށް ބެލުމުގެ ބަދަލުގައި، ދިރިއުޅުމުގެ ހުރިހާ ހާލަތެއްގައި އެހީތެރިވެދޭނެ، ހެޔޮލަފާ ބައިވެރިއަކު ހޯދުމަށް އިސްކަންދޭންވާނެއެވެ. ބަދަހި ކައިވެންޏެއްގެ ފެށުމަކީ މިއަދުގެ ހާލަތަށް ބަލައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް ދެމީހުން އެއްބަސްވުމެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް