ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު
މ. ވޭވަށު ކައުންސިލް މެންބަރަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ވޯޓުތަކުގެ ތެރެއިން ހައިކޯޓުން ބާތިލުކުރި ތިން ވޯޓު ކަރުދާހުގައި، ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު އެއްވެސް ފާހަގައެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މި މައްސަލައަކީ ވޭވަށު ކައުންސިލް އިންތިޚާބުގެ ވޯޓު ގުނިއިރު، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓެއް ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން، އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ. ހައިކޯޓުގެ މި ނިންމުމާއެކު، ކުރިން ކުރީގައި އޮތް އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް ޕީއެންސީގެ ކެންޑިޑޭޓަށް ކުރި ލިބި، އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.

މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހުސްނުއްސުއޫދު ވަނީ ހަތަރު އިސްތިއުނާފީ ނުކުތާއެއް ހުށަހަޅުއްވާފައެވެ. އެގޮތުން ފާހަގަކުރެއްވި އެއްނުކުތާ އަކީ، ހައިކޯޓުގެ ނިންމުން އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ރޫހާ ޚިލާފު ކަމަށެވެ. އެ މާއްދާގައި ބުނަނީ ވޯޓުލާ މީހާ ކެންޑިޑޭޓުގެ ނަމާ ދިމާގައި ޖަހާ ފާހަގައިގެ އިތުރުން، އެމީހަކު އަމިއްލައަށް އިތުރު ފާހަގައެއް ޖަހާފައިވާނަމަ ނުވަތަ ކުރެހުމެއް ކުރަހާފައިވާނަމަ އެ ވޯޓެއް ބާތިލުވާނެ ކަމަށެވެ.

ނަމަވެސް، ސުއޫދު ވިދާޅުވީ މައްސަލަ ޖެހިގެން އުޅޭ ތިން ކަރުދާހުގައި ހުރި ތިކިތަކަކީ ވޯޓުލީ މީހާ ޖެހި އެއްޗެއް ނޫން ކަމަށާއި، އެއީ ކަރުދާސް ޗާޕުކުރިއިރު އަރާފައިވާ ދެލި ތިކިތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ވެސް ގަބޫލުކުރާ ކަމަށެވެ. އަދި އެ ކަރުދާސްތައް ޗާޕުކުރި ނޮވެލްޓީން ފޮނުވި ސިޓީއެއްގައިވެސް، ޕްރޮޑަކްޝަން މަރުހަލާގައި މިފަދަ ތިކިތައް ހުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ނޫ ގަލަމަކުން ވޯޓުލީ ކަރުދާހެއްގައި ކަޅު ތިކިތަކެއް ހުންނާނެ ގޮތެއް ނޯންނާނެ. ހައިކޯޓުން އެ ކަރުދާސްތައް ގެނެސްގެން ބެއްލެވިނަމަ އެކަން ކަށަވަރުވީސް،" ސުއޫދު ވިދާޅުވިއެވެ.

ހަމައެއާއެކު ސުއޫދު ފާހަގަކުރެއްވީ، ހައިކޯޓުން ދީފައިވާ ފަރުވާއަކީ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަރުވާއެއް ނޫން ކަމަށެވެ. އަދި މި ޙުކުމުގެ ސަބަބުން މިދިޔަ އޭޕްރީލް 4 ގައި ބޭއްވި ހުރިހާ އިންތިޚާބަކަށް އަސަރުކޮށްފާނެ ކަމުގެ ބިރު އޮތްކަން ތިންވަނަ ނުކުތާއެއްގެ ގޮތުން ފާހަގަކުރެއްވިއެވެ.

"ޗާޕުދެލި ހުރި ކޮންމެ ބުރައިގެން ގޮސް ތިކި ޖެހިފައި ހުރި ކޮންމެ ވޯޓު ކަރުދާސްކޮޅަކީ ބާތިލު ވޯޓު ކަރުދާސްކޮޅެއްކަމަށް ނިންމަންވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ބަދަލެއް އަންނާނެހެން." ސުޢޫދު ވިދާޅުވިއެވެ.

އޭގެއިތުރުން، ހައިކޯޓުގެ ފަނޑިޔާރުން ހުކުމް ކުރެއްވުމުގައި ފަންނީ ހެކިބަހެއް ދޭ ފަދަ ގޮތަކަށް އަމިއްލަ ރައުޔު އިސްކުރައްވާފައިވާ ކަމަށް ސުޢޫދު ވިދާޅުވިއެވެ. ވޯޓު ކަރުދާހާ ގުޅޭ ފަންނީ ޚަބީރުން ވަކި ގޮތަކަށް ބުނެފައި ވަނިކޮށް، ފަނޑިޔާރުން އަމިއްލަފުޅު ރައުޔަށް ބުރަވުމަކީ ގޯހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.



ކިޔުންތެރިންގެ ހިޔާލު