ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސައިން ޝަހީދު މިއަދު އައްޔަންކުރަށްވައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަނުން ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ފަނޑިޔާރު ޝަހީދު އައްޔަންކޮށްފައިވާކަމަށެވެ.

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ކޮމިޝަނަށް އައްޔަންކުރައްވާފައި ހުންނެވި މެންބަރެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައި ނުވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ވަނީ އެ މަގާމަށް އަލީ ނަސީރު ގާސިމް އައްޔަން ކުރަށްވާފައެވެ.

ފަނޑިޔާރު ހުސައިން ޝަހީދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް މިދިޔަ އަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު އައްޔަން ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނު އެ މަގާމަށް އައްޔަން ކުރެއްވީ، ކުރިން އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ފަނޑިޔާރު ޝަހީދު ވަނީ މީގެ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ޖޭއެސްސީއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުން އައްޔަން ކުރުމާއި، ފަނޑިޔާރުންނަށް ކުރިއެރުން ދިނުމުގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިދީފައިވާ އެންމެ މުހިންމު މުއައްސަސާއެވެ. މި ކޮމިޝަނަކީ ޖުމްލަ 10 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ތަނެކެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ބަންޑާރަނައިބު އަދި މަޖިލީހުން ކަނޑައަޅާ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތުގެ ސަބަބުން ސިޔާސީ ނުފޫޒު ވަންނަ ކަމަށް ބުނެ، ކޮމިޝަންގެ އެކުލަވައިލުމަށް ބަދަލު ގެނައުމަކީ މި ސަރުކާރުގެވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް، މިހާތަނަށް އެ ބަދަލު ގެނައުމަށް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު