ދިވެހި ހައްޖުވެރިން-
ދިވެހި ހައްޖުވެރިން-
މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު، ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން ކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފިއެވެ.

ޙައްޖުގެ ހުރިހާ މަނާސިކުތަކެއް ފުރިހަމަކުރުމަށްފަހު، ޙައްޖުވެރިން ދެން ދަތުރުކުރާނީ އިސްލާމީ ތާރީޚާ ގުޅިފައިވާ މުހިންމު ބިނާތަކާއި ބަރަކާތްތެރި މަސްޖިދުއް ނަބަވީ ހިމެނޭ މަދީނާއަށެވެ. ޙައްޖު މިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، މިއަދުން ފެށިގެން ޙައްޖުވެރިން މަދީނާއަށް ދާން ފަށާނެއެވެ. މަދީނާ ދަތުރަކީ ޙައްޖުގެ އަޅުކަމުގެ ބައެއް ނޫން ކަމުގައިވީ ނަމަވެސް، އެއީ އިސްލާމީ ތާރީޚުގެ މުހިންމު ހާދިސާތަކެއް ހިނގާފައިވާ ބިމަކަށް ވުމާއެކު، މި ދަތުރުގެ ތެރެއިން މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ޙައްޖުވެރިންނަށް ލިބިގެންދާނެއެވެ.

ދިވެހި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ 2 ފްލައިޓެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވާ ހުކުރު ދުވަހުއެވެ. ސައުދިއާ އެއަރލައިންސްގެ މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ އެދުވަހު މެންދުރުފަހު 14:00 ގައެވެ. ދެވަނަ ފްލައިޓް މިމަހުގެ 7 ވަނަ ދުވަހު މޯލްޑިވިއަންގައި އަންނައިރު، މި ފްލައިޓް ޖައްސާނީ ހަވީރު 17:40 ގައެވެ.

ތިންވަނަ ފްލައިޓުގެ ގޮތުގައި ސައުދިއާ އެއަރލައިންސްގެ ފްލައިޓެއް މިމަހުގެ 8 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، އެންމެ ފަހު ފްލައިޓު ރާއްޖެ އަންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. މޯލްڈިވިއަންގެ މި ފްލައިޓް ރާއްޖޭގައި ޖައްސާނީ އެދުވަހުގެ ދަންވަރު 12:00 ހާއިރު ކަމަށް ޙައްޖު މިޝަނުން މަޢުލޫމާތުދެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް ޙައްޖު އަޅުކަމަށް ލިބޭ 1000 ކޯޓާގެ ދަށުން މިއަހަރުވެސް ގިނަ ޢަދަދެއްގެ ދިވެހިން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފައެވެ. މި ކޯޓާގެ ދަށުން ޙައްޖަށް މީހުން ފޮނުވަނީ ފައިސާ ދައްކާފައިވާ ތަރުތީބުން އެކުލަވާލާފައިވާ ކިޔު އުޞޫލުންނެވެ.



ކިޔުންތެރިންގެ ހިޔާލު