ށ. މިލަންދޫގައި ފައިބަރުގެ މަސައްކަތްކުރާ ސަރަހައްދެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ރަށުގެ "އާދަމްކޮއިބޭ ފައިބަރު މަސައްކަތަށް ދޯނި އަޅާ ސަރަހައްދު" ގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ހުއްޓުމެއްނެތި ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭގޮތުން އެ ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އަލިފާން ރޯވެފައިވަނީ އެއާޕޯޓް ތަރައްގީކުރާ ސަރަހައްދާ ކައިރީގައި ގިނަ އަދަދެއްގެ ޑިންގީތައް އެހެލާފައި އޮންނަ ސަރަހައްދެއްގައެވެ. އަލިފާނުގެ އަސަރު ފެނުމާއެކު ރައްޔިތުން ގުޅިގެން ވަރަށް ގިނަ ޑިންގީތައް އެ ސަރަހައްދުން ދުރަށް ޖައްސައި ސަލާމަތް ކުރި ނަމަވެސް، ދެ ޑިންގީއެއްގައި އަލިފާން ހިފައި، މުޅި ސަރަހައްދަށް އަލިފާންގަނޑު ފެތުރިގެންދިޔައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު