އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމު ޢަދީލް ޖަލީލުގެ މައްޗަށް މަނީ ލޯންޑްރިންގްގެ ދައުވާ ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައަކީ އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ތަހުގީގު ފުރިހަމަކޮށް، ދައުވާ ކުރުމަށްޓަކައި މިއަދު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ.

މި ތަހުގީގަށް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ އެކުއިޒިޝަން ކޮސްޓުގެ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތަކަށް ޖަމާކޮށްފައިވެއެވެ. އަދި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު މެދުވެރިވެގެން، އެސްއޯއެފްގެ އެކައުންޓުން ބައްސާމުގެ އަމިއްލަ ބޭންކް އެކައުންޓަށް 29,000 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައި ވާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

އޭސީސީން ބުނީ، ބައްސާމުގެ އެކައުންޓަށް ޖަމާވި މި ފައިސާއަކީ އޭނާގެ އަމިއްލަ އެކި ބޭނުންތަކަށް ޚަރަދުކޮށްފައިވާ ފައިސާކަން ތަހުގީގުން ދައްކާ ކަމަށެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ މުއާމަލާތްތަކުގައި ބައްސާމު އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށާއި، ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި އޭނާ ސޮއިކޮށްފައިވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މި މައްސަލާގައި ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުންނެވެ.

ބައްސާމުގެ މައްޗަށް މި ދައުވާ ކުރަން ފޮނުވާފައިވާއިރު، އެފްއޭއެމަށް ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއްގައި ވެސް އޭނާގެ މައްޗަށް ދައުލަތުން މިހާރު ވަނީ ދައުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ހިޔާލު