އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު-
އެސްޓީއޯގެ ކުރީގެ އެމްޑީ އަމްރު-
ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޖުތިމާޢީ މައިދާނަށް މިހާތަނަށް އައި އެންމެ އިންގިލާބީ އަދި ހެޔޮ ބަދަލުތަކުގެ ފަހަތުގައި އޮތީ އެމްޑީޕީ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، ކޮންމެ ބަދަލަކީވެސް ޙާލަތު މަޖުބޫރުކުރުމުން އަންނަ އެއްޗެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި އޮތް 30 އަހަރުގެ ދިގު ވެރިކަމުގައި ރައްޔިތުން ތިބީ އިންތިހާ ދަރަޖައިގެ ނިކަމެތި ޙާލަތެއްގައިކަން އޭނާ ފާހަގަކުރެއްވިއެވެ. އޭރުގެ ހަގީގަތަކީ ބޭސްފަރުވާއަށް ސަލާމްޖެހުމާއި، އަސާސީ ޚިދުމަތްތަކުން މަޙްރޫމްވެފައި އޮތުން ކަމަށާއި، އެއީ ބަދަލަކަށް ރައްޔިތުން ބޭނުންވި މައިގަނޑު ސަބަބު ކަމަށް އަމްރު ވިދާޅުވިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމަށް އަލިއަޅުއްވާލައްވަމުން އަމްރު ވިދާޅުވީ، އޭރު ދައުލަތަށް ލިބުނު ފަސް ބިލިއަން ރުފިޔާގެ ކުޑަ އާމްދަނީއާއެކުވެސް ރާއްޖޭގެ މުޅި ނިޒާމު ބަދަލުކޮށްލެއްވި ކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު އައިއިރު، ނަރުދަމާއާއި ސާފު ބޯފެނުގެ ޚިދުމަތް އޮތީ ހަމައެކަނި މާލޭގައި ކަމަށާއި، އަތޮޅުތެރޭގެ ރަށްތައް އޮތީ އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ޤައުމު އެ ޙާލަތުން އަރައިގަނެވުނީ އެމްޑީޕީން ގެނައި 'ބޮޑު ބަދަލުގެ' ސަބަބުން. ދައުލަތުގެ އާމްދަނީ ފަސް ބިލިއަނުން 40 ބިލިއަނަށް އުފުލާލައި، އިޤްތިޞާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުވީ މި ޕާޓީން،" އަމްރު ވިދާޅުވިއެވެ.

އިޤްތިޞާދީ ސިނާޢަތްތަކަށް އައި ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް ފަތުރުވެރިކަން ފަތުރާލައި "ލޯކަލް ޓޫރިޒަމް" ތަޢާރަފްކުރުމަކީ އާންމު ރައްޔިތުންގެ ޖީބަށް ސީދާ ފައިސާ ވަންނަން ފެށި ކަމެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި މަސްކިލޯއެއްގެ އަގު ފަސް ރުފިޔާގައި އޮއްވައި، އެ އަގު 20 ރުފިޔާއަށް ބޮޑުކޮށްދީ މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނީވެސް އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އަމްރުގެ ވާހަކަ ނިންމަވާލެއްވީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް ހަގީގީ ތަރައްޤީއާއި ބަދަލު ގެނެވޭނެ ހަމައެކަނި ފިކުރަކީ އެމްޑީޕީ ކަމަށް ވިދާޅުވަމުންނެވެ. "ދިވެހިރާއްޖޭގައި މިހާރު ފެންނަމުން މިދާ ބޮޑެތި ބަދަލުތަކަކީ އެމްޑީޕީގެ ސަރުކާރުން ކުރި ބުރަ މަސައްކަތުން ގެނައި ބަދަލުތަކެއް. ކުރިއަށް އޮތްތަނުގައި ވެސް ބޮޑު ބަދަލެއް ގެނެވޭނީ ހަމަ އެމްޑީޕީއަށް،" އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު