ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށްދޭ އަދި ޤައުމުގެ ވަރުގަދަކަން ދަމަހައްޓައިދޭ މައިގަނޑު ބާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކޮންމެ އާއިލާއެއްގެވެސް ބިންގަލަކީ ބެލެނިވެރިންގެ އަމިއްލަ އެދުމެއްނެތް ވަފާތެރިކަމާއި، މުޅި އުމުރަށްޓަކައި ވާ މަތިވެރި ޤުރުބާނީތައް ކަމަށެވެ. އަދި ދިވެހި ބެލެނިވެރިން ކުރައްވާ ބުރަ މަސައްކަތްތަކަށްޓަކައި އެމަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، ދިވެހި މުޖުތަމައުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ބަލައިގަންނަކަން ހާމަކުރައްވައި، ސަރުކާރު އަބަދުވެސް އޮންނާނީ ބެލެނިވެރިންނާއެކު ސާބިތުކަމާއެކު ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ކޮންމެ ކުއްޖެއްގެ މުސްތަޤުބަލު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ދެމިއޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތަޢުލީމާއި ޞިއްޙީ ދާއިރާގެ އިތުރުން އިޖުތިމާއީ އެކި ޕްރޮގްރާމްތަކަށް އިންވެސްޓްކޮށްގެން، އާއިލީ ގުޅުންތަކަކީ މުޖުތަމައުގެ އެންމެ މުހިންމު ބިންގާ ކަމަށް ދެކޭ ދިވެހި އާދަކާދަ ދެމެހެއްޓުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"ބެލެނިވެރިންގެ ލޯތްބާއި ހިތްވަރަކީ އަންނަން އޮތް ޖީލުތައް ބައްޓަންކޮށްދޭ އަދި ގައުމުގެ ވަރުގަދަކަން ދަމަހައްޓައިދޭ ބާރު،" ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު