ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގއ. ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށު އެތެންސް، މުހައްމަދު އަތޫފް ހަބީބް (25އ) އާއި، ދެތަޑިމާގެ، މުހައްމަދު ރާއިފް ހުސައިން (20އ) އެވެ. މި ދެ މީ

ހުން ހައްޔަރުކޮށްފައިވަނީ ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް ހިންގި ހަރަކާތެއްގައެވެ.

މި އޮޕަރޭޝަނުގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، ވިލިނގިލީގެ ހަތަރު ގެއެއް ބަލައި ފާސްކޮށް، ޖުމްލަ 66.92 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 53.91 ގްރާމް ބްރައުން ޝުގާ އާއި 13.01 ގްރާމް މެތަފެޓަމިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަތޫފް 15 ދުވަހަށް އަދި ރާއިފް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި، މިއީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހުތަކުގެ ދަށުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ނާޖާއިޒު ފައިދާ ނަގާ ނުވަތަ އެކްސްޕްލޮއިޓް ކުރެވޭ މީހުންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ހިންގުނު އޮޕަރޭޝަނެކެވެ. މީގެ އިތުރުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިން ކުށްތަކަށް ހުށަހެޅުމާއި އެކްސްޕްލޮއިޓް ކުރުމުން ސަލާމަތްކުރުމަކީވެސް މި މަސައްކަތުގެ މުހިންމު މަގުސަދެއް ކަމަށް ފުލުހުން ފާހަގަކުރިއެވެ.

މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު