މަޝްހޫރު ތަރި ވާޝިޔާ މުހައްމަދު
މަޝްހޫރު ތަރި ވާޝިޔާ މުހައްމަދު
ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ނަންހިނގާ އެއް ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އާ ފިލްމު "މަޖްނޫން" ގެ މުހިންމު ރޯލަކުން މަޝްހޫރު ފިލްމީ ތަރި ވާޝިޔާ މުހައްމަދު ވެސް ފެންނާނެއެވެ.

ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ "މަޖްނޫން" އަކީ ތަގުދީރާ ދެކޮޅަށް ލިޔެވުނު އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. މި ފިލްމުގެ ޕްރޮމޯޝަނަލް މަސައްކަތްތައް ފޯރިއާއެކު ކުރިއަށްދާއިރު، ފިލްމުގެ މުހިންމު ރޯލަކުން ވާޝިޔާ ފެންނާނެކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

މި ފިލްމުގައި ވާޝިޔާ ފެނިގެންދާނީ "މިލީ" ގެ ރޯލުންނެވެ. އޭނާއަކީ ނުގުޑާފަދަ ވަރުގަދަ އަޒުމަކާއި ސާބިތުކަމުގެ ވެރި އަންހެނެއް ކަމަށާއި، ހީވެސް ނުކުރެވޭ ފަދަ ބިރުވެރި ހާލަތްތަކެއް ކުރިމަތިވާއިރު، އޭނާގެ ކެރުމާއި ހިތްވަރު މި ފިލްމުގައި އިމްތިޙާނު ކުރެވިގެންދާނެ ކަމަށް ފިލްމުގެ ޓީމުން ހާމަކުރެއެވެ.

"މަޖްނޫން" ގެ ލީޑް ރޯލުން ފެނިގެންދާނީ މަޝްހޫރު ބަތަލާ މަރިޔަމް ޝީފާ އާއި ހުނަރުވެރި ތަރި އަހްމަދު ޝާރިފެވެ. މި ފިލްމުގައި ޝާރިފް ފެނިގެންދާނީ ވަރަށް ތަފާތު "ލުކް" އެއްގައެވެ. އަދި ބަތަލާ ޝީފާވެސް ފިލްމަށް ތައްޔާރުވަމުންދާ މަންޒަރުތައް ފިލްމުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކުން މިހާރު ފެންނަމުންދެއެވެ.



މީގެ އިތުރުން، ނަހުލާގެ އެންމެ ފަހުގެ ކާމިޔާބު ފިލްމު "ސޮރީ" އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެވްލީ އާއި ލާލިވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ބެލުންތެރިންގެ ހިތްތަކާ ކުޅެލާނެ ފަދަ އަސަރުގަދަ ފިލްމަކަށް ވާނެ ކަމަށް ބެލެވޭ "މަޖްނޫން" ސިނަމާތަކަށް އަންނާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ފިލްމުގެ ޓީމުން ބުނާ ގޮތުގައި، މި މަސައްކަތުގައި ބެލުންތެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ އެމީހުންގެ އެންމެ ބޮޑު ހިތްވަރެވެ.



ކިޔުންތެރިންގެ ހިޔާލު