ދަރީން ތަރުބިއްޔަތުކުރުން: ދުނިޔޭގައި އެންމެ ބުރަ އުޖޫރައެއް ނެތް މަސައްކަތް
ދަރީން ތަރުބިއްޔަތުކުރުން: ދުނިޔޭގައި އެންމެ ބުރަ އުޖޫރައެއް ނެތް މަސައްކަތް
ދަރިން ތަރުބިއްޔަތުކުރުމުގެ ކާމިޔާބީ ބިނާވެފައިވަނީ ބެލެނިވެރިޔާގެ މައްޗަށެވެ

ދަރިން ތަރުބިއްޔަތުކުރުމަކީ މިޒަމާނުގައި އިންތިހާއަށް އުނދަގޫ، ބުރަ މަސައްކަތެކެވެ. އަޅުގަނޑުގެ ނަޒަރުގައި މައިންބަފައިން ޚާއްސަކޮށް މައިން ކުރަމުންދާ މި މަސައްކަތަކީ ދުނިޔޭގައި ކުރަންޖެހޭ އެންމެ ބުރަ އުޖޫރައެއް ނެތް މަސައްކަތެވެ. ސަބަބަކީ މިއީ ހަފުތާގެ ހަތް ދުވަހު، ސައުވީސް ގަޑިއިރު، މުޅި އުމުރަށް ދެމިގެންދާ ޒިންމާއަކަށް ވާތީއެވެ. މިދިވެހި މުޖުތަމަޢުގައި ގިނަ ފިރިހެނުންނަށް ދަރިން ލިބުމަށް ފަހުވެސް އާއިލާބަލަހައްޓާނޭ އެކަށީގެންވާ ފަދަ އާމްދަނީ އެއް ހޯދުމަށް އުޅެންޖެހިފައިވަނީ އަނބިދަރީންނާއި ދުރުގައި ރަށުން ބޭރުގައެވެ. އަދި ދަރީން ލިބުމަށްފަހު ދެމަފިރިން ވަކިވުމުގެ ސަބަބުންވެސް ދަރީންނާ ވަކިން އުޅެންޖެހިފައިވާ ބަފައިންވެސް މަދެއް ނޫނެވެ. މިސަބަބާހުރެ ދަރީންބެލުމުގެ ބުރަ އުދަގޫ މަސައްކަތުގައި ކަތްތެރިކަން އިސްކޮށް ބަފައިންނާ ނުލައި އެކަނި މާއެކަނި މައިން ކުރާ މަސައްކަތަށް ތަޢުރީފު ހައްގެވެ.

އަޅުގަނޑަކީވެސް 17 އަހަރުގެ ކުއްޖެއްގެ ބައްޕަ އަކަށް ވުމުން، ދަރިފުޅާއި ދުރުގައި ދިރިއުޅެމުން އައިނަމަވެސް، ޚުދު އަޅުގަނޑަކީ ދަރިފުޅުގެ ކަންކަމުގައި ދަރިފުޅުގެ މަންމަ އުފުލަމުންދާ ތަކުލީފުތައް ވަރަށް ބޮޑަށް ބަލައި އަދި ދަރިފުޅުގެ ކަންކަމުގައި ކޮންމެ ދުވަހަކު އަމަލީ ގޮތުން ތަޖުރިބާކުރަމުންދާ މީހަކީމެވެ.

އަޅުގަނޑަކީ ވަރަށް ގިނައިން ފޮތްކިޔައި އުޅޭ މީހަކަށްވުމުން ވަކިން ޚާއްސަކޮށް ދަރީން ތަރުބިއްޔަތު ކުރުމާއިބޭހޭ ފޮތްތަކާއި ލިޔުންތަކިޔައި މަޢުލޫމާތު ހޯދަމުން އަންނަ މީހަކަށްވުމުން، ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ތަރުބިއްޔަތުގެ އުކުޅުތައް ބޭނުން ކުރަމުން އައި މީހަކީމެވެ. މިދެންނެވި އުކުޅުތައް ބޭނުންކުރަން އުޅެ، އެކަންކަން ނާކާމިޔާބުވި ފަހަރުތައް މަދެއް ނޫނެވެ. ވަރުބަލިވެ، މާހައުލުގެ ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި، އަޅުގަނޑުގެ ހެޔޮ ނިޔަތްތައް ފުނޑުފުނޑުވެގެން ކިތަންމެ ވަގުތެއް ދިޔައެވެ. އެތައް ގޯސްތަކެއް ހެދުމަށްފަހު، އަލުން ހިތްވަރުލައި ކޮޅަށް ތެދުވެ، އާ ފެށުމަކުން މަސައްކަތް ފަށަން ޖެހުނު ފަހަރުތައް ބައިވަރެވެ. އާދެ، ދަރިން ބަލާ ބޮޑުކުރުމަކީ ހަމަ ހަގީގަތުގައިވެސް ދުނިޔޭގައިވާ އެންމެ ގޮންޖެހުން ބޮޑު މަސައްކަތެވެ.

ކާމިޔާބު ބެލެނިވެރިއަކަށް ވުމުގެ ސިއްރަކީ ކޮބާ؟

ދަރިން ތަރުބިއްޔަތުކުރުން ބުރަ ކަމަކަށް ވަނީ، އަޅުގަނޑުމެން ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ދަރިންނަކީ މުޖުތަމައަށް ފައިދާހުރި، ރަނގަޅު އަހުލާގެއްގެ ވެރި، އަދި އިހުތިރާމާއި ލޯބި ދަންނަ ބަޔަކަށް ވާން އެދޭތީއެވެ. ނަމަވެސް އެކަން ހާސިލުކުރާނެ ސީދާ މަގު ބައެއް ފަހަރު އޮންނަނީ އޮޅިފައެވެ. ދަރިން ބަލާނެ ގޮތުގެ ފުރިހަމަ "މެނުއަލް" އެއް އަޅުގަނޑުމެން އަތަކު ނޯވެއެވެ. އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތާއި ގާބިލިއްޔަތުގެ ތެރެއިން އެންމެ ރަނގަޅަށެވެ.

ގިނަ ބެލެނިވެރިން ރަހުމަތްތެރިންނާއި، އާއިލާއާއި، ކަމާބެހޭ މާހިރުންގެ އެހީތެރިކަން ހޯދައެވެ. ކުދިންގެ އުޅުމަށް އަންނަ ބަދަލުތައް ހައްލުކުރާނެ ގޮތާއި، އަދަބު ދޭނެ ރަނގަޅު އުކުޅުތަކާއި، ކުދިންނަށް ހިތްވަރުދޭނެ ގޮތްތަކާ ބެހޭ އެތައް ފޮތްތަކާއި ސެމިނާތައް ހުރެއެވެ. މިފަދަ އެހީތެރިކަން ހޯދުމަކީ ބޭނުންތެރި ކަމެކެވެ. އެއިން އައު ހިޔާލުތަކާއި އުކުޅުތައް ލިބިގެންދެއެވެ.

ނަމަވެސް، ހަގީގީ ކާމިޔާބީއަކީ ހަމައެކަނި އުކުޅުތަކެއް ދަސްކުރުމެއް ނޫނެވެ. އަޅުގަނޑުމެންގެ އަމަލުތަކުން އެކަންކަން ނުފެންނަނީސް، ހަމައެކަނި ބުނާ ބަހަކުން ކުދިންގެ އުޅުމެއް އިސްލާހެއް ނުވާނެއެވެ. "އަހަރެން ބުނާ ގޮތަށް އަމަލުކުރާށެވެ، އަހަރެން ކުރާ ގޮތަށް ނުހަދާށެވެ" ބުނެގެން ކުރާ ތަރުބިއްޔަތަކީ ދުވަހަކުވެސް ކާމިޔާބުވާނެ ކަމެއް ނޫނެވެ.

ކާމިޔާބު ބެލެނިވެރިއަކަށް ވުން: މިއީ ބެލެނިވެރިޔާގެ އަމިއްލަ ނަފްސާ ގުޅިފައިވާ ކަމެއް

އަޅުގަނޑުގެ ތަޖުރިބާއިން ދަސްވި އެންމެ މުހިންމު ފިލާވަޅަކީ މިއެވެ: ދަރިން ތަރުބިއްޔަތުކުރުމަކީ ދަރިފުޅަށްވުރެ ބޮޑަށް ބެލެނިވެރިޔާގެ އަމިއްލަ ނަފްސާ ގުޅިފައިވާ ކަމެކެވެ. މީގެ މާނައަކީ ދަރިފުޅު އިސްލާހުކުރުމުގެ ކުރިން، ބެލެނިވެރިޔާ އަމިއްލަ ނަފްސު އިސްލާހުކޮށް ތަހުޒީބުވުމެވެ.

ކުދިން ކަންކަން ދަސްކުރަނީ މައިންބަފައިން ދައްކާ ނަމޫނާއިންނެވެ. މިސާލަކަށް، ހަޅޭއްނުލަވާށޭ ބުނެ ދަރިފުޅާ ދިމާލަށް ހަޅޭއްލެވުމަކީ އެއްވެސް ނަތީޖާއެއް ނުކުންނާނެ ކަމެކެވެ. ކެތްތެރިކަމާއި، އިހުތިރާމާއި، ލޯބީގެ ވާހަކަ ދަރިންނަށް ކިޔައިދޭއިރު، އަޅުގަނޑުމެންގެ އަމަލުތަކުން އެ ސިފަތައް ނުފެންނަނަމަ، އެކުދިން ތިބޭނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

ކާމިޔާބު ބެލެނިވެރިއަކަށް ވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެން އަމިއްލައަށް އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަން ގަބޫލުކޮށް، އެ މަސައްކަތް ފެށުމެވެ. ދަރިންނަކީ އިހުތިރާމްކުރާ ބަޔަކަށް ވާން އެދޭނަމަ، އަޅުގަނޑުމެން އެކުދިންނަށް އިހުތިރާމްކޮށް ނަމޫނާ ދައްކަންޖެހެއެވެ. އެކުދިންނަކީ ރުޅި ކޮންޓްރޯލްކުރާ ބަޔަކަށް ވާން އެދޭނަމަ، ފުރަތަމަ އަޅުގަނޑުމެންގެ އަމިއްލަ ރުޅި މޭނޭޖްކުރަން ދަސްކުރަންޖެހެއެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިސްލާހުކޮށް، ރަނގަޅު އާދަތައް އިސްކުރާނަމަ، ދަރިން އެކަންކަން އަމިއްލައަށް ދަސްކުރާނެއެވެ.

ތިޔަ ހުންނެވީ ކާމިޔާބު ބެލެނިވެރިއަކަށް ވުމުގެ މަގުމަތީގައި ހެއްޔެވެ؟

ކޮންމެ ބެލެނިވެރިއަކުވެސް އަމިއްލަ ނަފްސާ ކޮށްލަންޖެހޭ ސުވާލަކީ މިއެވެ. "އަހަރެންނަކީ އެންމެ ރަނގަޅު ނަމޫނާ ދެއްކޭ މީހަކަށް ވުމަށް މަސައްކަތްކުރާ މީހެއް ހެއްޔެވެ؟ އަހަރެންގެ ބަލިކަށިކަންތައް ގަބޫލުކޮށް، އިއްޔެއަށްވުރެ މިއަދު ރަނގަޅު މީހަކަށް ވާން އަހަރެން ތައްޔާރު ހެއްޔެވެ؟" މި ސުވާލުތަކަށް "އާނއެކޭ" ބުނެވޭ ހިސާބުން، ތިޔަ ހުންނެވީ ކާމިޔާބީގެ ފެށުމުގައެވެ.

އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަނީ އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށެވެ. ނަމަވެސް، އަޅުގަނޑުމެންގެ އަމަލީ ނަމޫނާ އިތުރަށް ހަރުދަނާކޮށްފިނަމަ ނުކުންނާނެ ނަތީޖާ މާ ފޮނިވާނެއެވެ.

މިއަދުން މިއަދަށް އަޒުމް ކަނޑައަޅުއްވާށެވެ. އެންމެ ރަނގަޅު ބެލެނިވެރިޔަކަށް ވުމަށްޓަކައި، ފުރަތަމަ އަމިއްލަ ނަފްސު އިސްލާހުކުރުމަށް މަސައްކަތް ފައްޓަވާށެވެ. އޭރުން ދަރިން ތިބޭނީ ތިޔަ ދައްކަވާ ރީތި މަގުން ހިނގަން ތައްޔާރަށެވެ. މިގޮތަށް އަމަލުކޮށްފިނަމަ، ދަރިން ތަރުބިއްޔަތުކުރުމުގެ އިތުރުން، އަމިއްލަ ނަފްސަށްވެސް ބޮޑު ކާމިޔާބީއަކާއި ދާއިމީ ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު