އެމެރިކާގެ ސެނެޓްގެ ޑިމޮކްރެޓިކް މެންބަރު ކްރިސް ކޫންސް
އެމެރިކާގެ ސެނެޓްގެ ޑިމޮކްރެޓިކް މެންބަރު ކްރިސް ކޫންސް
އެމެރިކާގެ ސެނެޓްގެ ޑިމޮކްރެޓިކް މެންބަރު ކްރިސް ކޫންސް ވިދާޅުވި ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައަށް ތިން މަސް ފާއިތުވެގެން ދިޔައިރު، ހަނގުރާމައިގެ ކުރިއަށްވުރެ އީރާން މިހާރު ވަނީ އަސްކަރީ ގޮތުން އިތުރަށް ވަރުގަދަވެފައެވެ.

'ފޮކްސް ނިއުސް ސަންޑޭ' އަށް ދެއްވި ބަސްދީގަތުމެއްގައި ކޫންސް ވަނީ، މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންތައް ބޮޑުވެ، އެމެރިކާގެ މަސްލަހަތުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

އީރާނުން އެ ގައުމުގެ ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަމައެކަނި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ބަދަލުގައި، ސީދާ އެމެރިކާގެ ބައިވެރިންނަށާއި އަލިއަންސްތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާކަމަށް ކޫންސް ވިދާޅުވިއެވެ.

މީގެ ތެރޭގައި ތެލާއި ގޭހުގެ އުމްރާނީ ވަސީލަތްތަކާއި، އެމެރިކާގެ އެމްބަސީތަކާއި އަދި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު އެއް މަގު ކަމަށްވާއިރު، އެ ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އެމެރިކާގެ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.

މި ހާލަތު ކޮންޓްރޯލް ކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ހޮރްމޫޒް ކަނޑުއޮޅީގައި ކަނޑުގެ ބަންދެއް (ނޭވަލް ބްލޮކޭޑް) ދަމަހައްޓައި، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތައް ހުއްޓުވަމުންނެވެ.

މިގޮތުން ހިންގި އޮޕަރޭޝަނެއްގައި، އެމެރިކާއިން ވަނީ އިންޒާރު ދިނުމަށްފަހު އީރާނަށް ދަތުރުކުރި ގެމްބިއާގެ ދިދަ ޖެހި އުޅަނދެއް ހުއްޓުވާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ވަގުތީ އެއްބަސްވުމަކަށް އައުމުގެ މަޝްވަރާތައް ފެށިފައިވާކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު