ވިއްސާރައިގައި ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-
ވިއްސާރައިގައި ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ-
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، އައްޑޫ ސިޓީ ހިތަދޫއަށް މިއަދު ފަތިހު ޖެހުނު ގަދަވަޔާއެކު އެ ރަށުގެ ދެ ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލުން ލިބިފައިވަނީ ހިތަދޫ 'ހުޅުދުއާގެ' އަދި 'އޯކަމްލިވާ' މި ދެ ގެއަށެވެ. ފުރާޅު އެއްލާލުމާ ގުޅިގެން އެ ސަރަހައްދުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިންނާއި އާންމުން ގުޅިގެން މިހާރު ދަނީ ލިބުނު ގެއްލުންތައް މަރާމާތުކޮށް، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ފުރާޅު އެއްލާލުމުގެ ސަބަބުން ބޯކޮށް ވާރޭވެހި ގޭތެރޭގެ ސާމާނުތަކަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، އާއިލާތައް ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުވާންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ. ކަމާގުޅޭ އިދާރާތައް ގުޅިގެން ވީ އެންމެ އަވަހަކަށް ގެތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ވިއްސާރައިގެ ސަބަބުން ހިތަދޫގެ އިތުރުން ފޭދޫގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ފަށާފައިވަނީ ރޭ ފަތިހު 03:45 ހާއިރުއެވެ. މިއަދު ހެނދުނު 10:10 އާ ހަމައަށް ކުރި މަސައްކަތުން، ޕަމްޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދައި، މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސްފައެވެ.



އައްޑޫ ފޭދޫ މަގުތަކުގައި ފެން ބޮޑު ވެފައި، ފޮޓޯ؛ އެމްއެންޑީއެފް


މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި، މާދަމާ އައްޑޫ ސިޓީގެ މޫސުން ކުޑަކޮށް ރަނގަޅުވި ނަމަވެސް، އަންގާރަ އަދި ބުދަ ދުވަހު އަނެއްކާވެސް ވައިގަދަވެ ވިއްސާރަ ކުރާނެއެވެ. މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް މި ދުވަސްވަރު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު