ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށް އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ މަޖިލީހުގެ ތެރޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އަދި އިލްމީ ބޭފުޅާ އެ މަގާމުން ބޭރުކުރުމުގެ ފަހަތުގައި އޮތް ސިއްރަކީ، ކަންކަން އެނގޭ ގާބިލް މީހުންނަށް ރައީސް މުއިއްޒު ހަސަދަވެރިވުން ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޖަމީލް ފާހަގަކުރެއްވި ގޮތުގައި، މިއަދަކީވެސް މި ސަރުކާރުގެ ނާކާމިޔާބީ ފެނިގެންދިޔަ ބޮޑު ދުވަހެކެވެ. އެގޮތުން އެއްވެސް ރަށަކަށް ކަމެއް ކޮށްނުދެވުމާއި، ޑޮލަރުގެ ރޭޓު ތިރިނުކުރެވުމުގެ އިތުރުން، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށް ވަޒީފާތަކުގެ ބުރައިން ގައުމުގެ އިގްތިސާދު ފިތިފައިވާކަމަށް ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑު ޒާތީގޮތުން ނާޒިމަށް ތާއީދު ނުކުރިޔަސް މިއީ މުއިއްޒުގެ ފަރާތުން މަޖްލިސް އިތުރަށް ބަލިކަށިކުރުމުގެ ގޮތުން ކުރައްވާ ކަމެއް. ރައްޔިތުންގެ މަޖްލިސް ފެއިލްވެފަވާކަމީ ޙަގީގަތެއް. އެކަމުގެ އަސަރު މުޅި ގައުމުން މިފެންނަނީ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ތެރެއިން ގާބިލް ބޭފުޅުން ބޭރުކުރުމަކީ މުޅި މުއައްސަސާ ބަލިކަށިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ހުރަހެއް ކަމަށެވެ. މި ބަދަލާއެކު ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި، ގައުމުގެ ހިންގުމަށް އަންނަމުންދާ ލޮޅުންތައް އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އަދި 73 މެންބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ގަރާރުގައި ނާޒިމްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ފިތުނަ އުފެއްދުމުގެ ތުހުމަތުތައް ކުރި ނަމަވެސް، އެކަމުގެ އެއްވެސް ތަފްސީލެއް ނުވަތަ ހެއްކެއް ހާމަކޮށްފައެއް ނުވެއެވެ.

އިސްތިއުފާގެ ބަޔާނުގައި ނާޒިމް ވަނީ އެ ހުރިހާ ތުހުމަތުތަކެއް ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އެއްވެސް އަސާސެއް ނެތް ކަމަށާއި، މަގާމުން ވަކިވާން ނިންމެވީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މެޖޯރިޓީގެ ނިންމުމަށް އިހުތިރާމްކުރުމުގެ ގޮތުން ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވި ނަމަވެސް، ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު