ރައްޔިތުންގެ މަޖިލީހަށް އާ ނައިބު ރައީސް އަކު އައްޔަންކުރަން މިއަދު މެންދުރު އިތުރު ޖަލްސާ އެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްފައި ވަނިކޮށް، އޭނާ މިއަދު ހެނދުނު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނާޒިމް މަގާމުން އިސްތިއުފާ ދެއްވިކަން ހެނދުނު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އިޢުލާން ކުރައްވާފައެވެ. އެއަށްފަހު، އެޖެންޑާގައި އިތުރު ކަމެއް ނެތުމުން އެ ޖަލްސާ ނިންމަވައިލެއްވިއެވެ.

ނަމަވެސް، މަޖިލީހުގެ ރައީސް ވަނީ މިއަދު މެންދުރު 13:00 ގައި އިތުރު ޖަލްސާއެއް ބާއްވާނެކަން ފަހުން އިޢުލާން ކުރައްވާފައެވެ. އެ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި ހާމަނުކުރި ނަމަވެސް، އެ ޖަލްސާގައި އޮންނާނީ މަޖިލީހުގެ އައު ނައިބު ރައީސަކު އިންތިޚާބު ކުރުން ކަމަށް ބެލެވެއެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހުނާޒިމް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ. ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ސޮއިކުރައްވައި، ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގަ އެވެ. މީގެ އިތުރުން މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާތަކުން ބަރީއަވާ ކަމަށް ވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި ނާޒިމް ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އޭނާ ކުރެއްވި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލެއްވި ކަމަކާ ގުޅިގެން، އެއްވެސް ފަރާތަކުން ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފުވެއްޖެ ކަމުގެ ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައި ނުވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ހުރިހާ ތުހުމަތުތަކަކީ ވެސް އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްކަން ފާހަގަކުރަން،" ނާޒިމްގެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 ވަނަ ދުވަހަށް ނިމެންޖެހޭނެއެވެ. ނަމަވެސް، މަޖިލީހުން ވަނީ ނާއިބް ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަން މި ހިނގާ ދައުރު މިއަދުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު