ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަގާމުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ބާއްވާ ހާއްސަ ޖަލްސާ މާދަމާ ހެނދުނު 9:00 އަށް ތާވަލުކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މި މައްސަލަ އެކަނި ހިމަނައިގެން މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފަ އެވެ. މާދަމާ ބާއްވާ މި ޖަލްސާއަކީ މަޖިލީހުގެ މި ހިނގާ ދައުރުގެ އެންމެ ފަހު ޖަލްސާ ވެސް މެއެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ނާޒިމް މަގާމުން ވަކިކުރަން ނިންމާފައިވާއިރު، އޭނާގެ މައްޗަށް މައިގަނޑު ދެ ތުހުމަތެއް ކުރެއެވެ. އެއީ ސިޔާސީ ގޮތުން ފިތުނަ އުފެއްދުމާއި މަސްލަހަތު ނަގާލަން އުޅުމުގެ ތުހުމަތެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މި ހިނގާ މޭ މަހުގެ 14 ވަނަ ދުވަހު، ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ 72 މެންބަރުންގެ ސޮޔާއެކުގަ އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް ހުށަހެޅުމުން 14 ދުވަހުގެ ނޯޓިސްއެއް ދޭންޖެހޭތީ، މާދަމާގެ ޖަލްސާ މި ބާއްވަނީ އެ މުއްދަތު ހަމަވުމުންނެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ މި ގަރާރަށް ބަހުސްކޮށް ގޮތް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވަގުތުތައް ކަނޑައަޅާފަ އެވެ. އެގޮތުން މުޅި މައްސަލައަށް އެއް ގަޑިއިރު ހާއްސަކުރަން ނިންމާފައިވާއިރު، އޭގެ ތެރެއިން 50 މިނެޓު ހާއްސަކޮށްފައިވަނީ މެންބަރުންގެ ބަހުސަށެވެ.

އަދި އަމިއްލަ ދިފާއުގައި ވާހަކަދެއްކެވުމަށް ނައިބު ރައީސް އަހުމަދު ނާޒިމަށް 10 މިނެޓުގެ ވަގުތެއް ދިނުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު