ކްރޮސްރޯޑްސް މޯލްޑިވްސް، ފޮޓޯ: މޯލްޑިވްސް ޓްރެވެލާ
ކްރޮސްރޯޑްސް މޯލްޑިވްސް، ފޮޓޯ: މޯލްޑިވްސް ޓްރެވެލާ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް" (ޑަބްލިޔުޓީއޭ) މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައި، އެ ބޮޑު ހަފުލާގެ ރަސްމީ މަންޒިލަކަށް ކްރޮސްރޯޑްސް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިއީ ގާތްގަނޑަކަށް ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު، މި އެވޯޑް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއަހަރުގެ ސެޕްޓެމްބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފުލާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާވެސް ދިމާވާ ގޮތަށް ބާއްވާ ބޮޑު ހަރަކާތެކެވެ. މިފަހަރުގެ އެވޯޑް ހަފުލާގައި އިންޑިއާ ކަނޑުގެ އިތުރުން އޭޝިއާ އަދި އޯޝޭނިއާ ސަރަހައްދުގެ ވަނަތައް ހޮވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

މި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑްސް މޯލްޑިވްސް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި އެންމެ 15 މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ، ރާއްޖޭގެ ފާހަގަކޮށްލެވޭ އިންޓަގްރޭޓެޑް މަންޒިލެކެވެ. އެތަނުގައި ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ މޯލްޑިވްސް ހިމެނޭހެން ތަފާތު ތިން ރިސޯޓަކާއި، ދުނިޔޭގެ ފެންވަރުގެ ކާބޯތަކެއްޗާއި މުނިފޫހިފިލުވުމުގެ ގިނަ ހިދުމަތްތަކެއް ލިބެން ހުރެއެވެ.

ޑަބްލިޔުޓީއޭގެ ފައުންޑާ ގްރަހަމް ކޫކް ވިދާޅުވީ، ކްރޮސްރޯޑްސް އަކީ ދަތުރުފަތުރުގެ ދާއިރާގެ ކުރިމަގު ދައްކުވައިދޭ، އާ އުފެއްދުންތެރިކަމުން ފުރިގެންވާ މަންޒިލެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، މި އެވޯޑް ހަފުލާގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރާއްޖެއިން ފަތުރުވެރިންނަށް އަދާކުރާ މެހެމާންދާރީގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދުނިޔޭގެ ލީޑަރުންނަށް ދައްކާލުމަށް ބޮޑު މަގަކަށް ވެގެންދާނެއެވެ.

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ލަގަބު މިހާރުވެސް ދަމަހައްޓަމުން އަންނަ ރާއްޖޭގައި އެފަދަ ހަފުލާއެއް ބޭއްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ ހޯދަމުންދާ ބޮޑު ކުރިއެރުމެއްކަމަށް ކްރޮސްރޯޑްސްގެ ޖެނެރަލް މެނޭޖާ އެލެކްސެންޑާ ޓްރެގާ ވެސް ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު