ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމާބެހޭ ގާނޫނާއި އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އުވާލުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ގޮވާލައްވައިފިއެވެ.

ނަސީމް މިކަމަށް ގޮވާލެއްވީ ސަރުކާރްށް ފާޑުކިޔަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަން ގާނޫނާއި އޭސީސީ އުވާލަންވީ ނޫނީ އެތަންތަނުން ހަމައެކަނި ރައްޔިތުންނަށް ދައުވާކުރާ ގޮތަށް ބަދަލުކުރަންވީ ކަމަށެވެ.

މިގޮތަށް ވިދާޅުވި ސަބަބެއްގެ ގޮތުގައި ނަސީމް ފާހަގަކުރެއްވީ، ވެރިން ކުރާ ގޯސް ކަންތައްތަކުގެ ވާހަކަ ދެއްކެން ނެތުމާއި، އެފަދަ ކަންކަން ބެލޭނެ ގޮތެއް ނެތުމެވެ. އޭގެ ބަދަލުގައި ދައުލަތުން ދައުވާކޮށް އަދަބު ދެނީ އާންމު ރައްޔިތުންނަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ކުރެއްވި އެހެން ޕޯސްޓެއްގައި ނަސީމް ވިދާޅުވީ، ސަރުކާރުގެ ވެރިން މީހަކާ ނުރުހިއްޖެ ނަމަ އެ މީހަކު ފްރޭމްކޮށް، ޖަލަށްލައި، ވަޒީފާއިން ދުރުކޮށް އަނިޔާދޭ ކަމަށެވެ.

"އަޅުގަނޑުގެ ނަސޭހަތަކީ އެފަދަ ހާލަތްތަކުގައި ކެތްތެރިވައްޗޭ. ތަންފުކެއް ވެސް ދޫނުކުރައްޗޭ. އަދި އެ އަނިޔާޔަށް ދުވަހަކުވެސް މައާފުނުކުރައްޗޭ. ހިތިކޮށް ބަދަލުހިފައްޗޭ،" ނަފާ ނަސީމް ވިދާޅުވިއެވެ.

ނަފާ ނަސީމް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތަކާއި އެފަދަ އެހެނިހެން މައްސަލަތައް ނުބެލި ދިގުލައިގެން ދިޔަ ކަމުގައި ވީނަމަވެސް، މުޒާހަރާތަކުގެ ބައިވެރިންނާއި ނޫސްވެރިންނަށް ޖިނާއީ ދައުވާކުރަމުންދާތީ ސަރުކާރަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު