ޖަޕާނުގެ ޓޯކިޔޯއަށާ އުފަން ދެކުދިން
ޖަޕާނުގެ ޓޯކިޔޯއަށާ އުފަން ދެކުދިން
ހޮސްޕިޓަލަކުން ހެދުނު ބޮޑު ގޯހެއްގެ ސަބަބުން، އުފަންވީއިރު ދެ ކުދިން ބަދަލުވެ، އޭގެ ތެރެއިން އެއް ކުއްޖެއްގެ މުޅި ދިރިއުޅުން ނިކަމެތިކަމާއި ފަގީރުކަމުގެ ތެރޭގައި ހޭދަކުރަންޖެހުނު ހިތާމަވެރި ހާދިސާއެއް ޖަޕާނުގައި ފަޅާއަރައިފިއެވެ.

އުމުރުން 60 އަހަރުގެ ފިރިހެނަކަށް މިކަން އެނގުމުން އޭނާ ވަނީ ހޮސްޕިޓަލާ ދެކޮޅަށް ކޯޓުގައި ދައުވާކޮށް، ބޮޑު ބަދަލެއް ހޯދާފައެވެ.

މި ހާދިސާ ހިނގާފައިވަނީ 1953 ވަނަ އަހަރު ޓޯކިޔޯގެ ސަން-ކުކައި ހޮސްޕިޓަލުގައެވެ.

މައުލޫމާތު ލިބޭގޮތުގައި، މި ފިރިހެންމީހާ އުފަންވީ ވަރަށް ތަނަވަސް، މުއްސަނދި އާއިލާއަކަށް ނަމަވެސް، އުފަންވިތާ މާގިނައިރުތަކެއް ނުވަނީސް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ވަނީ އޭނާ އެހެން ކުއްޖަކާ އޮޅިފައެވެ.

މި އޮޅުމުގެ ސަބަބުން އޭނާ ހަވާލުކުރެވުނީ ފަގީރު، އެކަނިވެރި މައަކާއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނާ ބޮޑުވީ ވަރަށް ދަތި ހާލުގައި، ކުޑަ އެޕާޓްމަންޓެއްގައި ދިރިއުޅެމުން، އާއިލާއަށް އެހީވުމަށްޓަކައި ވަރަށް ޅައުމުރުގައި މަސައްކަތުގެ މައިދާނަށް ނުކުމެގެންނެވެ.

ނަމަވެސް، އޭނާގެ ބަދަލުގައި އޮޅިގެން މުއްސަނދި އާއިލާއަށް ދިޔަ އަނެއް ކުއްޖާ ބޮޑުވީ ފާގަތި އަދި އަރާމު ދިރިއުޅުމެއްގައެވެ. އޭނާއަށް އެންމެ މަތީ ފެންވަރުގެ ތައުލީމު ލިބިފައިވާއިރު، ބޮޑުވެގެން އޭނާ ވެގެންދިޔައީ ކާމިޔާބު ރިއަލް އެސްޓޭޓް ކުންފުންޏެއްގެ ވެރިޔަކަށެވެ.

މި ބޮޑު ސިއްރު ފަޅާއެރީ އެތައް އަހަރެއް ފަހުން، އެ މުއްސަނދި އާއިލާގެ އެހެން ކުދިންނަށް، އެމީހުންގެ ބޭބެއާ (އޮޅިގެން ގެނައި ކުއްޖާ) އެމީހުންގެ ސިފަޔާ އެއްވެސް ވައްތަރުކަމެއް ނެތްކަން ފާހަގަކުރެވިގެން ހެދި ޑީއެންއޭ ޓެސްޓުތަކުންނެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމުން، ޓޯކިޔޯގެ ކޯޓަކުން ވަނީ ހޮސްޕިޓަލުގެ އިހުމާލުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ ފިރިހެންމީހާއަށް ބޮޑު އަދަދަކުން ފައިސާ ދިނުމަށް އަމުރުކޮށްފައެވެ.

ނަމަވެސް ނޫސްވެރިންނަށް މައުލޫމާތު ދެމުން އޭނާ ބުނެފައިވަނީ، ކޯޓުން ކިތަންމެ ބައިވަރު ފައިސާއެއް ނަގައިދިން ކަމުގައިވިޔަސް، ހޮސްޕިޓަލުގެ އެންމެ ގޯހަކުން އޭނާގެ އަތުން ބޭއްސިގެންދިޔަ ހަގީގީ ދިރިއުޅުމާއި، ގެއްލުނު އުފާވެރި މާޒީ ދެން އެއްވެސް ގޮތަކުން އަނބުރާ ނުލިބޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު