އައިޝްވާރިޔާ ރާއީ ބައްޗަން އަދި ކަންގަނާ ރޯނަތު
އައިޝްވާރިޔާ ރާއީ ބައްޗަން އަދި ކަންގަނާ ރޯނަތު
މިއަހަރުގެ ކާން ފިލްމް ފެސްޓިވަލްގައި އައިޝްވާރިޔާ ރާއީ ބައްޗަން ބޭނުންކުރި ހެދުންތަކަށް ސޯޝަލް މީޑިއާގައި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، މަޝްހޫރު އެކްޓްރެސް އަދި ސިޔާސީ ދާއިރާގެ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއް ކަމަށްވާ ކާންގަނާ ރަނާވަތު އައިޝްވާރިޔާގެ ދިފާއުގައި ތެދުވެއްޖެއެވެ. ކާންގަނާގެ ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އަމިއްލަ މިނިވަންކަމާއި، އުމުރާ ގުޅުވައިގެން ކުރެވޭ ފާޑުކިޔުންތަކުގެ އިތުރުން ރެޑް ކާޕެޓްތަކުގައި އަންހެނުންނަށް ކުރިމަތިވާ ހަރުކަށި ފާޑުކިޔުންތަކަށެވެ.

ކާން ފެސްޓިވަލްގައި އަބަދުވެސް ތަފާތު ދައްކާ އައިޝްވާރިޔާގެ ހެދުންތަކަށް މިފަހަރުވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު، ކާންގަނާ ބުނެފައިވަނީ އައިޝްވާރިޔާ ފެންނަނީ ވަރަށް "ފުރިހަމަކޮށް" ކަމަށެވެ. އިންސްޓަގްރާމް މެދުވެރިކޮށް ދިން ރައްދުގައި ކާންގަނާ ފާހަގަކުރި ގޮތުގައި، އައިޝްވާރިޔާގެ އަމިއްލަ ސްޓައިލާ މެދު އެއްވެސް މީހަކަށް ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ.

"ފެޝަނާއި ސްޓައިލަކީ އަމިއްލަ ނަފްސު ހާމަކޮށްދޭ ވަސީލަތެއް. އެއީ ދިރިއުޅުމާ މެދު ދެކޭ ގޮތާއި އަމިއްލަ މިޒާޖު ރަމްޒުކޮށްދޭ ކަމެއް. އެއްވެސް އަންހެނަކީ އެހެން މީހަކަށް އެއްޗެއް ދަރާފައިވާ މީހެއް ނޫން. އައިޝްވާރިޔާ ފެންނަނީ ވަރަށް ރީތިކޮށް. އޭނާ އެހެން ގޮތަކަށް ފެންނަން އެދޭ މީހުން، ތިމާގެ އަމިއްލަ ފެންވަރު ދައްކައިބަލަ،" ކާންގަނާ ލިޔެފައިވެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އައިޝްވާރިޔާ ހުރީ އެހެން ބަޔަކު އުފާކޮށްދޭކަށް ނޫން ކަމަށާއި، އޭނާއަކީ އިޙްތިރާމް ލިބިގެންވާ ޝަރަފުވެރިއެއް ކަމަށެވެ. އަދި ރެޑް ކާޕެޓްތަކުން ދުވަސްވީ އަންހެނުން ފެނުމަށް މީހުން އާދަވެފައި ނެތް ނަމަ، މިހާރު އެކަމަށް އާދަވާން ވެއްޖެ ކަމަށްވެސް ކާންގަނާ ބުންޏެވެ.

2003 ވަނަ އަހަރުން ފެށިގެން 'ލޮރިއަލް ޕެރިސް' ގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ކާން ފެސްޓިވަލްގައި ބައިވެރިވަމުން އަންނަ އައިޝްވާރިޔާ، މިފަހަރު ފެނިގެންދިޔައީ ޑިޒައިނަރު އަމިތު އަގަރްވާލް ފަރުމާކޮށްފައިވާ ނޫކުލައިގެ 'ސްކަލްޕްޗަރަލް' ގައުންއެއްގައެވެ. 'ލޫމިނާރާ' ގެ ނަމުން ނަންދީފައިވާ މި ހެދުމަކީ ހަރަކާތްތެރިވަމުންދާ އަލީގެ ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ މަސައްކަތެކެވެ. މީގެ އިތުރުން، ފިޔާތޮށި ކުލައިގެ މާތަކަކުން ޒީނަތްތެރިކޮށްފައިވާ "ސޯފީ ކޫޗާ" ގެ ހެދުމެއްގައި، "ލައިޓްސް އޮން ވުމަންސް ވޯތު" އިވެންޓުންވެސް އޭނާ ފެނިގެންދިޔައެވެ. މި އިވެންޓުގައި އީވާ ލޮންގޯރިއާ އާއި އޭމީ ޖެކްސަން ފަދަ ދުނިޔޭގެ މަޝްހޫރު ތަރިން ބައިވެރިވިއެވެ. ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި އައިޝްވާރިޔާ ފެނިގެންދިޔައީ ފަތްތަކަކުން ފަރުމާކޮށްފައިވާ ހުދުކުލައިގެ "ޓަކްސީޑޯ" އެއްގައެވެ.

މި ފެސްޓިވަލްގައި އައިޝްވާރިޔާގެ އަންހެން ދަރިފުޅު އާރާދިޔާ ބައްޗަންއަށްވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ. ވަރަށް ތުއްތުއިރުން ފެށިގެން މަންމައާއެކު ކާން ފެސްޓިވަލަށް ދާ އާރާދިޔާ، މިއަހަރު ވަނީ ފުރަތަމަ ފަހަރަށް ރަސްމީކޮށް ރެޑް ކާޕެޓްގައި މަންމައާއެކު ފޮޓޯތަކަށް ހުއްޓިފައެވެ. ރަތްކުލައިގެ ހެދުމެއްގައި ފެނުނު އާރާދިޔާގެ ހަރަކާތްތަކަށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ލޯތްބާއި ތައުރީފު ލިބުނެވެ. އައިޝްވާރިޔާގެ މިއަހަރުގެ ކާން ދަތުރު ނިމިގެންދިޔައީ އޭނާގެ ފެޝަނަށްވުރެ ބޮޑަށް، އަންހެނުންގެ އުމުރާއި އަމިއްލަ މިނިވަންކަމާ ގުޅޭގޮތުން މުޖުތަމައުގައި ފުޅާ ބަހުސެއް އުފައްދާފައެވެ.



ކިޔުންތެރިންގެ ހިޔާލު