މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްތިބި ދިވެހި ހާޖީންގެ ތެރެއިން އެންމެ ހާޖީއެއް ފިޔަވައި ހުރިހާ ހާޖީން ޢަރަފާތް ބިމަށް ވަދެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ޢަރަފާތަށް ނުގެންދެވި ހުރި ހަމައެކަނި ހާޖީއަށް މިވަގުތު މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއެކު އެ ހާޖީ ވެސް ޢަރަފާތަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ހާޖީއާ އެކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިން ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭނާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޙައްޖުވެރިންގެ ކަންްތައްތައް ވަރަށް ގާތުން ބައްލަވަމުންދާކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ހާޖީންގެ ހުރިހާ ކަމެއްވެސް ދަނީ ވަރަށް އޮމާންކަމާއެކު ރަނގަޅަށް ކަމަށެވެ.

މިއަދަކީ މި އަހަރުގެ ޙައްޖު ދުވަހެވެ. މިއަދު އަރަފާތު ބިމުގައި ތިބެ މެންދުރު ނަމާދަށް ފަހު، އިމާމުމީހާ ޙައްޖު ޚުތުބާ ދެއްވާނެއެވެ. އެއަށް ފަހު ޙައްޖުވެރީން މިއަދުގެ މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އެ ނަމާދުތަކަށް ފަހު އަރަފާތުގެ ސަރަހައްދަށް ގޮސް، އިރުއޮއްސެންދެން ޙައްޖުވެރިން އެ ތަނުގައި ތިބޭނެއެވެ.

ޙައްޖުވެރިން މިއަދު ހޭދަކުރާނީ ދުޢާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާ އެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެއެވެ.

ޙައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ ޢަރަފާތް ދުވަހުގެ އަޅުކަން މިއަދު ކުރިއަށްދާއިރު، ދިވެހި ހާޖީންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޙައްޖު މިޝަނުންނާއި ގްރޫޕްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.މިއަހަރު ރާއްޖެއިން 1،019 މީހަކު ހައްޖުގެ އަޅުކަމަށް ދިޔަ އެވެ.



ކިޔުންތެރިންގެ ހިޔާލު