ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށްފަހު ރަހުމުކުޑަގޮތަކަށް މަރާލި ހާދިސާއާ
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށްފަހު ރަހުމުކުޑަގޮތަކަށް މަރާލި ހާދިސާއާ
ބަންގްލަދޭޝްގެ މަގުރާ ޑިސްޓްރިކްޓްގައި އުމުރުން އެންމެ އަށް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށްފަހު ރަހުމުކުޑަގޮތަކަށް މަރާލި ހާދިސާއާ ގުޅިގެން، ކުށްވެރިޔާއަށް ލަސްނުކޮށް ހައްގު އަދަބު ދިނުމަށާއި ޝަރީއަތުގެ މަރުހަލާ އަވަސްކުރުމަށް ގޮވާލާ އެގައުމުގެ އެކި ހިސާބުތަކުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފިއެވެ.

މި ލާއިންސާނީ އަމަލާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަމުންދަނީ ވެރިރަށް ޑާކާގައެވެ. ހާއްސަކޮށް ޑާކާ ޔުނިވަރސިޓީގެ މުދައްރިސުންނާއި، ދަރިވަރުންގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާތަކުން ވަނީ މަގުތަކަށް ނުކުމެ، މިފަދަ މުޑުދާރު އަދި ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން ފާހަގަކުރި ގޮތުގައި، ގައުމުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ މިފަދަ މައްސަލަތަކުގައި ހިމެނޭ ކުށްވެރިންނަށް ހަރުކަށި އަދަބު ލަސްނުކޮށް ދެވިގެންނެވެ.

މި ހާދިސާއާ ގުޅިގެން އުފެދިފައިވާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ކޯފާގެ ސަބަބުން، ބަންގްލަދޭޝްގެ ވަގުތީ ސަރުކާރަށް ވަނީ ގާނޫނީ ގޮތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރުވެފައެވެ. އެގައުމުގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ، ނޮބެލް އިނާމު ހާސިލުކުރައްވާފައިވާ މުހައްމަދު ޔޫނުސް ވަނީ މި ހާދިސާއާ މެދު ފުން ހިތާމައެއް ފާޅުކުރައްވައި، މިއީ ގައުމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި މި މައްސަލައިގެ ތަހުގީގާއި ޝަރީއަތް އެއްވެސް ހުރަހަކާ ނުލައި ވީހާވެސް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކަކަށް އެމަނިކުފާނު ވަނީ ހަރުކަށި އަމުރުތަކެއް ނެރުއްވާފައެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ އިތުބާރު ގާނޫނީ ނިޒާމަށް ހޯދައިދިނުމެވެ.

ގާނޫނީ ދާއިރާއިން ވެސް މި މައްސަލައިގައި ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގައުމުގެ ހައިކޯޓުން ވަނީ މިއީ "ފާސްޓް-ޓްރެކް" ނުވަތަ އަވަސް މުއްދަތެއްގެ ތެރޭގައި ބަލަންޖެހޭ ހާއްސަ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަދި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމާ ބެހޭ ހާއްސަ ޓްރައިބިއުނަލުން 180 ދުވަހުގެ ތެރޭގައި މި މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިންމައި ހުކުމް އިއްވުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. ގައުމުގެ ގާނޫނީ މުސްތަޝާރު އާސިފް ނަޒްރުލް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މައްސަލައިގެ ސައިންޓިފިކް ހެކިތަކާއި ޑީއެންއޭ ސާމްޕަލްތައް އެއްކުރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށާއި، ކޯޓު މަރުހަލާ ފެށުމާއެކު އެއްވެސް މެދުކެނޑުމެއް ނެތްގޮތަށް އަޑުއެހުންތައް ކުރިއަށްދާނެ ކަމަށެވެ.

ނަމަވެސް، އާންމު ރައްޔިތުންނާއި މަދަނީ ޖަމްއިއްޔާތަކުން ގަބޫލުކުރާ ގޮތުގައި 180 ދުވަހަކީ ވެސް މިފަދަ ލާއިންސާނީ މައްސަލައެއް ނިންމުމަށް ދިގު މުއްދަތެކެވެ. މުޒާހަރާގެ ލީޑަރުން ދަނީ ގާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް، މި މައްސަލައިގެ އެންމެހާ ކަންކަން 90 ދުވަހުގެ ތެރޭގައި ނިންމައި ކުށްވެރިޔާ ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް ސަރުކާރަށް ބާރުއަޅަމުންނެވެ.

ބަންގްލަދޭޝްގެ އިޖުތިމާއީ މަސްރަހު މިހާރު އޮތްގޮތުން، މި މައްސަލައަށް އިންސާފު ލިބުން ލަސްވެއްޖެ ނަމަ، ސަރުކާރާ ދެކޮޅަށް ކުރެވޭ މުޒާހަރާތައް އިތުރަށް ވަރުގަދަވެ، ގައުމުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.



ކިޔުންތެރިންގެ ހިޔާލު