އެމްބްރިއޯ
އެމްބްރިއޯ
ސައިޕްރަސްގެ އިރުމަތީގައިވާ އާރްޖޭން (އެރްޖާން) އިންޓަނޭޝަނަލް އެއާޕޯޓުން، ފިނިކުރި ކޮންޓޭނަރެއްގައި ރައްކާކޮށްފައި ހުރި އިންސާނީ ހަތަރު އެމްބްރިއޯއެއް މެކްސިކޯއަށް ހުއްދަނެތި ގެންދަން އުޅުނު އިސްރާއީލުގެ ރައްޔިތަކު އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފިއެވެ.

ޔައިނެޓް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ކްލިނިކެއް ބަލައި ފާސްކޮށް، އެތަނުގެ ޑައިރެކްޓަރާއި އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރެއް ހިމެނޭހެން ތުރުކީގެ ދެ ރައްޔިތަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ އެކަށީގެންވާ ގާނޫނީ ހުއްދަތައް ހޯދުމެއްނެތި، ތުރުކީގެ ބާރުގެ ދަށުގައި އޮންނަ އުތުރު ސައިޕްރަސްއިން އެމްބްރިއޯތައް ބޭރުކުރަން އުޅުމުގެ ކުށުގައެވެ.

އެއާޕޯޓުން އަތުލައިގަތް މި އެމްބްރިއޯތަކަކީ ނިކޯސިއާގައި ގާނޫނާ ހިލާފަށް ހިންގަމުންދިޔަ އައި.ވީ.އެފް ކްލިނިކަކުން ހޯދާފައިވާ އެމްބްރިއޯތަކެއް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

މި މައްސަލައާ ގުޅުންހުރި ބައެއް ފަރާތްތަކުން ހާމަކުރި ގޮތުގައި، މައިގަނޑު ގޮތެއްގައި މި މައްސަލައިގައި ތުހުމަތު ކުރެވެނީ އިންސާނީ ސެލްތަކާއި، ޓިޝޫ އަދި ގުނަވަންތައް ބަދަލުކުރުމާ ބެހޭ ގާނޫނުތަކާ ހިލާފުވުމުގެ ކުށެވެ. މީގެ އިތުރުން، އެކި ގައުމުތައް މެދުވެރިކޮށް ގާނޫނާ ހިލާފަށް އެމްބްރިއޯ ޓްރެފިކް ކުރުމާއި، އިންސާނީ ވަގުފާރި ކުރުމުގެ މައްސަލަތައްވެސް ކަމާބެހޭ އިދާރާތަކުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އިސްރާއީލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް ގިނަ ދުވަސްތަކެއް ވަންދެން ފަލަސްތީނުގެ ޝަހީދުންގެ ހަށިގަނޑުތައް ހިފަހައްޓަމުންނެވެ.

އަދި މިއީ ހަމައެކަނި އެ ހަށިގަނޑުތައް އާއިލާތަކާ ހަވާލުނުކޮށް ހިފެހެއްޓުމުގެ މަގްސަދުގައި ކުރާ ކަމެއް ނޫން ކަމަށާއި، ގާނޫނާ ހިލާފަށް އިންސާނީ ގުނަވަންތައް ވަގަށް ނެގުމާއި އޭގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ ނާޖާއިޒު ރޭވުންތަކެއްގެ ދަށުން ހިންގާ ލާއިންސާނީ އަމަލުތަކެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް