ލިފްޓުތަކުގެ ތެރޭގައި ތާށިވުމުގެ ހާދިސާތައް ދަނީ އިތުވަމުން
ލިފްޓުތަކުގެ ތެރޭގައި ތާށިވުމުގެ ހާދިސާތައް ދަނީ އިތުވަމުން
ވެރިރަށް މާލޭގެ އެކި ސަރަހައްދުތަކުން ކުއްލި-ކުއްލިއަށް ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ ވަގުތުތަކުގައި، މާލޭގެ އުސް އިމާރާތްތަކުގައި ހުންނަ ލިފްޓުތަކުން ދަތުރުކުރާ މީހުން ލިފްޓުތަކުގެ ތެރޭގައި ތާށިވުމުގެ ހާދިސާތައް ދަނީ ދުވަހުން ދުވަހަށް ގިނަވަމުންނެވެ.

މިއީ ހަމައެކަނި ދިމާވާ ދަތިކަމެއްގެ ގޮތުގައި ދޫކޮށްލެވެން ނެތް، ރައްޔިތުންގެ ސިއްހަތާއި ފުރާނައާ ސީދާ ގުޅުންހުރި ނުރައްކާތެރި ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް، ތޮއްޖެހިފައިވާ މާލޭގެ ގިނަ ބަޔަކު އުސް ފްލެޓްތަކާއި އެޕާޓްމަންޓްތަކުގައި ދިރިއުޅެމުންދާއިރު، މިފަދަ ހާދިސާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

ކަރަންޓު ދިއުމާއެކު އެއްވެސް އިންޒާރެއް ނެތި ލިފްޓުތައް ހުއްޓޭ ވަގުތު، އޭގެ ތެރޭގައި ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ބަލިމީހުންވެސް ތާށިވެއެވެ. ލިފްޓެއްގެ ތެރޭގައި ގިނަވަގުތު ތާށިވެފައި ހުންނަންޖެހުމުން، ވައި ދައުރުވުން ހުއްޓި، ނޭވާލާން އުނދަގޫވުމުގެ މައްސަލަ ކުރިމަތިވެއެވެ.

މީގެ އިތުރުން، ކުއްލިއަކަށް އަނދިރިވެ، ބަންދުވެފައިވާ ހަނި ތަނެއްގެ ތެރޭގައި ތާށިވުމުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާ ހާސްވެ، ޕެނިކް އެޓޭކް އާއި ހިތުގެ މައްސަލަތައް ހުންނަ މީހުންގެ ފުރާނައަށް ސީދާ ނުރައްކާވެގެންދެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކި ފަހަރުމަތިން މިފަދަ ހާދިސާތަކުގައި ކުއްލި އެހީތެރިކަން ފޯރުކޮށްދީ، ލިފްޓުތައް ހަލާކުކޮށްގެން މީހުން ސަލާމަތްކުރަން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

މި މައްސަލަ މިހާ ބޮޑަށް ގޯސްވާން ދިމާވާ މައިގަނޑު ސަބަބަކީ، މާލޭގައި ހަދާފައިވާ ގިނަ އިމާރާތްތަކުގެ ލިފްޓުތަކުގައި ސަލާމަތީ ނިޒާމުތައް ފުރިހަމަވެފައި ނެތުމެވެ. ޚާއްސަކޮށް، ކަރަންޓު ދިއުމުން ލިފްޓު އެންމެ ކައިރީގައި ހުންނަ ފްލޯއަކަށް ތިރިކޮށް ދޮރު ހުޅުވައިދޭ "އޮޓޮމެޓިކް ރެސްކިއު ޑިވައިސް" ނުވަތަ ބެކްއަޕް ބެޓަރީ ސިސްޓަމް ގިނަ ލިފްޓުތަކުގައި މަސައްކަތް ނުކުރުމަކީ ނުވަތަ ހަރުކޮށްފައި ނެތުމަކީ މި ނުރައްކާ ބޮޑުވާ ސަބަބެކެވެ.

މީގެ އިތުރުން، އިމާރާތްތަކުގެ ވެރިފަރާތްތަކުން ލިފްޓުތައް ގަވާއިދުން މެއިންޓަނަންސް ނުކުރުމާއި، ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސްޓެލްކޯއިން ކުރާ މަސައްކަތްތަކަށް އެދެވޭ ކުރިއެރުމެއް ނުލިބުމަކީވެސް މިކަން ތަކުރާރުވާން ދިމާވާ ސަބަބުތަކެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މި މައްސަލައަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

އެގޮތުން، މާލޭގެ ހުރިހާ އިމާރާތްތަކެއްގައި ހުންނަ ލިފްޓުތަކަކީ އޭއާރްޑީ ސިސްޓަމް ހުރި ލިފްޓުތަކެއްކަން ކަމާބެހޭ މުއައްސަސާތަކުން ބަލައި ފާސްކޮށް، ގަވާއިދުން މެއިންޓަނަންސް ހަދާކަން ކަށަވަރުކުރަންޖެހެއެވެ.

ހަމައެއާއެކު، ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިންވެސް ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ރައްޔިތުން މިފަދަ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅުން ހުއްޓުވަންޖެހެއެވެ.

މިއީ އިތުރު ފުރާނައެއް ނުރައްކލެއްގެ ތެރެއަށް ދިއުމުގެ ކުރިން، ސަރުކާރާއި، ކަމާބެހޭ މުއައްސަސާތަކާއި، އިމާރާތްތަކުގެ ވެރިފަރާތްތަކުން ގުޅިގެން މިހާރުން މިހާރަށް ހައްލުކުރަންޖެހިފައިވާ ގައުމީ ފެންވަރުގެ މައްސަލައެކެވެ.



ކިޔުންތެރިންގެ ހިޔާލު