ޗައިނާގެ އުތުރުގައިވާ ޝަންޒީ ޕްރޮވިންސްގެ ބޯޓުދެލި ނަގާ ކޮނުމެއްގައި (މައިނެއްގައި) ގޭސް ގޮވައި، މަދުވެގެން 90 މަސައްކަތްތެރިން މަރުވެއްޖެއެވެ.

މިއީ ފާއިތުވި 16 އަހަރުގެ ތެރޭގައި ޗައިނާގައި ހިނގި އެންމެ ނުރައްކާތެރި މައިނިންގ ހާދިސާއެވެ.

ޗައިނާގެ ސަރުކާރުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ޝަންޒީ ޕްރޮވިންސްގެ ޗަންގްޒީ ސިޓީގެ ގިންޔުއާން ކައުންޓީގައި ހުންނަ "ލިއުޝެންޔޫ" ބޯޓުދެލި މައިނުގައެވެ. މިހާދިސާ ހިނގި ވަގުތު ބިމުގެ އަޑީގައި 247 މަސައްކަތްތެރިން ހަރަކާތްތެރިވަމުން ދިޔަ ކަމަށްވެއެވެ.

މި ބާރުގަދަ ގޮވުމުގެ ސަބަބުން މިހާތަނަށް 90 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ.

ހާދިސާ ހިނގުމާއެކު ޗައިނާގެ ސަރުކާރުން ވަނީ 400 އަށްވުރެ ގިނަ ރެސްކިއު މަސައްކަތްތެރިންނާއި އިމަޖެންސީ ޓީމުތައް އެ ސަރަހައްދަށް ފޮނުވާފައެވެ. ސަލާމަތްކުރާ މީހުން ކުރި ބުރަ މަސައްކަތުން ބިމުގެ އަޑީގައި ތާށިވި މީހުންގެ ތެރެއިން 200 އަށްވުރެ ގިނަ މަސައްކަތްތެރިން ވަނީ ރޭގެ ވަގުތެއްގައި ރައްކާތެރިކަމާއެކު މައްޗަށް ނެރެފައެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އަނިޔާވި މީހުންނަށް އަވަސް ފަރުވާދިނުމަށާއި، މީހުން ސަލާމަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެންމެ އިސްކަމެއް ދީގެން ކުރުމަށް އަމުރުކުރައްވާފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުރިހަމަ ތަހުގީގެއް ހިންގުމަށް އަންގަވާފައިވާއިރު، އެ މައިނުގެ އިސްވެރިން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޝަންޒީ ޕްރޮވިންސަކީ ޗައިނާގައި އެންމެ ފުޅާދާއިރާއެއްގައި ބޯޓުދެލި އުފައްދާ ސަރަހައްދެވެ. ޗައިނާގެ މައިންތަކުގައި ސަލާމަތީ ފިޔަވަޅުތައް ފަހަކަށް އައިސް ވަރުގަދަކޮށްފައިވީ ނަމަވެސް، މިފަދަ ނުރައްކާތެރި ހާދިސާތައް އަދިވެސް ދޭތެރެއަކުން ދަނީ ހިނގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު