ﷲ ގެ ރަޙުމަތްފުޅުން މިއަހަރު ރާއްޖެއިން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ގޮސްތިބި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ﷲ ގެ ރަޙްމަތްފުޅާއެކު ދިވެހި ޙައްޖުވެރިން މާދަމާގެ ވަގުތެއްގައި މިނާ އަށް ދަތުރުފަށާނެ ކަމަށެވެ. އަދި ޙައްޖުގެ މުހިންމު އަޅުކަންތައް ކުރިއަށްދާ މިނާއާއި ޢަރަފާތުގައި ޙައްޖުވެރިންނަށް ބޭނުންވާނެ އެންމެހައި ކަންކަން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ވަރަށް ފުރިހަމައަށް އިންތިޒާމުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ޕޯސްޓް ނިންމާލައްވާފައިވަނީ މާތް ﷲ އެންމެހައި ޙައްޖުވެރިނަށް މަބްރޫރު ޙައްޖެއް ދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

މިއަހަރުވެސް ރާއްޖެއިން ގިނަ އަދަދެއްގެ މީހުން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާއިރު، ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމުގައި ޙައްޖު ކޯޕަރޭޝަނާއި އެހީތެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު