ކޮކްރޯޗް ޖަންތާ ޕާޓީގެ ނަމުގައި އުފެއްދި ސަމާސާ ހަރަކާތެއް
ކޮކްރޯޗް ޖަންތާ ޕާޓީގެ ނަމުގައި އުފެއްދި ސަމާސާ ހަރަކާތެއް
އިންޑިއާގެ ޒުވާނުންގެ މެދުގައި ކުރިމަތިވެފައިވާ ވަޒީފާ ނެތުމުގެ މައްސަލަތަކާއި، ތަކެތީގެ އަގުބޮޑުވުމާއި އަދި ސިޔާސީ މަސްރަހާމެދު ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ނަމުގައި އުފެއްދި ސަމާސާ ހަރަކާތެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، މުޅި ގައުމުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އިންސްޓަގްރާމްގައި މި ހަރަކާތް ފެށިތާ އެންމެ ފަސް ދުވަސް ތެރޭގައި 15 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ވަނީ ހޯދާފައެވެ. މިއީ އިންޑިއާގައި މިހާރު ވެރިކަންކުރާ އަދި ދުނިޔޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ބެލެވޭ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދަށްވުރެވެސް މާ ގިނަ އަދަދެކެވެ.

މޮބައިލް ފޯނެއްގެ ތެރޭގައި އިންނަ ކުރަފި އެއްގެ ލޯގޯއެއް ބޭނުންކުރާ މި ގްރޫޕުން އަމިއްލައަށް ސިފަކުރަނީ "ކަންނެތް އަދި ވަޒީފާއެއް ނެތް މީހުންގެ އަޑު" ގެ ގޮތުގައެވެ.

މި ހަރަކާތް އުފެއްދި އުމުރުން 30 އަހަރުގެ އަބީޖީތު ދިޕްކޭ ރޮއިޓާސް ނޫހަށް ކިޔައިދިން ގޮތުގައި، މި ގްރޫޕަށް "ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަން ދިނީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ޖަސްޓިސް ސޫރިޔާ ކާންތު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އޭނާ ވިދާޅުވީ، ޝަރީއަތުގެ މަޖިލީހެއްގައި ޗީ ފް ޖަސްޓިސް ވަނީ ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ މުޖުތަމައަށް ހުރި ނުބައި ސޫފިތަކެއް (ޕެރަސައިޓްސް) ގެ ގޮތުގައި ސިފަކުރައްވައި ކުރަފިތަކަކާ އަޅާކިޔުއްވާފައެވެ.

ފަހުން ޗީފް ޖަސްޓިސް އެއީ ހުރިހާ ޒުވާނުންނަށް ނިސްބަތްކުރެއްވި ބަހެއް ނޫންކަމަށާއި، އޮޅުވާލައިގެން ފޭކު ސެޓްފިކެޓް ހަދާ މީހުންނަށް ބުނި އެއްޗެއްކަމަށް ވިދާޅުވި ނަމަވެސް، ޒުވާނުން ވަނީ އެ ބަސްގަބޫލުކޮށް، އެމީހުންގެ ސާބިތުކަމާއި ކެތްތެރިކަން ދެއްކުމުގެ ރަމްޒެއްގެ ގޮތުގައި ކުރަފީގެ ނަން ބޭނުންކުރަން ފަށާފައެވެ.

ދިޕްކޭ ބުނި ގޮތުގައި މިއީ އިންޑިއާގެ މައިގަނޑު ސިޔާސީ ވިސްނުން ބަދަލުކޮށްލުމަށް ފެށި ހަރަކާތެކެވެ. ސަބަބަކީ ގައުމުގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ޒުވާނުންގެ އަޑު ނާހާތީއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށްޓަކައި މިހާތަނަށް 400,000 އަށްވުރެ ގިނަ މީހުން ގޫގުލް ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވެފައިވާއިރު، މީގެ ތެރެއިން 70 އިންސައްތައަކީ އުމުރުން 19 އަހަރާއި 25 އަހަރާ ދެމެދުގެ ޒެޑް ޖެނެރޭޝަން ގެ ޒުވާނުންނެވެ.

މި ގްރޫޕުގެ އިންސްޓަގްރާމް ޕޭޖުގައި ޒުވާނުން ދަނީ މީޑިއާގެ މިނިވަންކަމާއި، ޕާލިމެންޓުން އަންހެނުންނަށް ގޮނޑި ހާއްސަކުރުމާއި، އަދި ދާދިފަހުން އިންޑިއާގައި މެޑިކަލް ކޮލެޖުތަކަށް ވަނުމަށް ބޭއްވި ގައުމީ އިމްތިހާނުގެ ކަރުދާސް ލީކުވުމާ ގުޅިގެން 2.3 މިލިއަން ދަރިވަރުންނަށް ކުރިމަތިވި މައްސަލަތަކަށް މަޖާ މީމްސް އަދި ވީޑިއޯތަކުން ފާޑުކިޔަމުންނެވެ.

ދާދިފަހުން ނެރުނު ޑެލޮއިޓް ގްލޯބަލް ސާވޭއަކުން ދައްކާ ގޮތުގައިވެސް އިންޑިއާގެ ޒުވާނުންނަށް ވަޒީފާ ނެތުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ހާސްކަންތައްތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ހަރަކާތަކީ ސިޔާސީ ގޮތުން ބޮޑު ބަދަލެއް ގެނެވިދާނެ ހަރަކާތެއް ކަމަށް ޒުވާނުން ގަބޫލުކުރާއިރު، އިންޑިއާގެ ސަރުކާރުން މިހާރު ވަނީ މި ގްރޫޕުގެ ބައެއް އެކައުންޓްތައް ބްލޮކްކުރަން ފަށާފައެވެ. ނަމަވެސް ބްލޮކްކުރުމާއެކު އައު އެކައުންޓްތައް ހަދައިގެން ޒުވާނުން ދަނީ މި ހަރަކާތް ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު