މިދިޔަ ސަރުކާރުން ނެގި ލޯނުތައް ދައްކަމުން، ގައުމު ބަންގުރޫޓުވިޔަނުދީ ހިފަހައްޓައިގެން ވެރިކަން ކުރަންޖެހުމުން، ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އެންމެ އުނދަގުލުގައި ވެރިކަން ކުރަންޖެހުނު ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ސަރުކާރު ހިންގާލުމަށް އެކަނިވެސް 300 މިލިއަން ޑޮލަރު ބޭނުންވި ކަމަށެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ހިސާބުތަކުން ދެއްކި ގޮތުގައި 2026 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ ބަންގުރޫޓުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މިއަދު ހަޖަމުކުރަން އުނދަގޫވެގެން އުޅެނީ، ބޭރުން އިތުރު ލޯނެއް ނުނަގައި، ކުރީގެ ލޯނުތައް ދައްކަމުން ވެސް ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކާއި ތަރައްގީގެ މަޝްރޫއުތައް ރައީސް މުއިއްޒު ކުރިއަށް ގެންދަވާތީ ކަމަށެވެ.

"މިބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވައިގެން، ދިވެހި ދައުލަތުން ނެގިހާ ލޯނަކަށް ހުއްދަދެމުން، މި ގައުމު ބަންގުރޫޓުކުރަމުން ދިޔައީ. ނެގިހާ ލޯނަކުން އިގްތިސާދީ އެއްވެސް މަސައްކަތެއް ނުކުރެވޭ ހާލުގާ، މި ނެގި ހުރިހާ ލޯނެއް ރައީސް މުއިއްޒު ދައްކަވަމުން ގެންދަވާތީ މިބޭފުޅުން މިތިބީ ވާނުވާގަ މިހާރު،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ރައްދުދެއްވަމުން ޝުޖާއު ވިދާޅުވިއެވެ.

އިގްތިސާދީ ދަތިތަކުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދަން އުނދަގޫތަކެއް ހުރި ނަމަވެސް، ވޭތުވެދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން 21 ރަށަކުން 1،100 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރަސްމާލޭގެ 500 ހެކްޓަރު ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެމްޑީޕީ ސަރުކާރުން "ކަނޑުން ދޫކޮށްފައިވާ" ބިމުން ގޯތިދިނުމަށްޓަކައި ބިން ހިއްކުމާއި، އެއާޕޯޓުތަކާއި ފްލެޓްތަކުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް ރަމަޟާން މަހު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކަރަންޓު ބިލުތައް 400 އާއި 500 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކުޑަކޮށްދީފައިވާތީ، އެއީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ހޯދައިދިން ބޮޑު ލުޔެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު