ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފަޅުތެރެއަށް ގެއްލިގެން ރެއިން ފެށިގެން ހޯދަމުންދިޔަ މީހަކު، މޫދު އަޑީގައި ނިޔާވެފައި އޮށްވާ މިއަދު ފެނިއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ ކ. ގުރައިދޫ، ރަތްވިލާގެ، އިބްރާހިމް ޝާކިރު (48 އަހަރު) ކަމަށެވެ. އޭނާ ގެއްލުނު ކަމަށް ރިޕޯޓް ކޮށްފައިވަނީ، އިއްޔެ އިރުއޮއްސި 18:30 ހާއިރުއެވެ.

ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އޭނާގެ ހަށިގަނޑު ފެނިފައިވަނީ 2026 މެއި 22 ވީ ދުވަހުގެ ހެނދުނު 08:25 އެހައިކަންހާއިރު މޫދު އަޑިންނެވެ. އޭނާ ފެނިފައިވަނީ ސީޕްލޭން ޓާމިނަލްގެ ފަޅުތެރެއިންނެވެ.

އޭނާ ފެނުމާއެކު ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާކިރަކީ ތެޔޮ ބާޖެއްގައި މަސައްކަތްކުރާ ފަޅުވެރިއެކެވެ. އޭނާ ފަޅުތެރެއަށް ފޭބީ ބާޖުގެ ވަލެއް އައްސަން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. މި އޮޕަރޭޝަންގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަދި އެއަރޕޯޓްގެ ރެސްކިޔު ޓިމުތައް ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު