ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހްބާން
ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހްބާން
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ، ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ގައިދީއަކު ފިލައިގެން އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ފިލާފައިވާ ގައިދީގެ ވަނަވަރު ކަރެކްޝަންސްއިން މިއަދު އާންމުކޮށްފައިވާއިރު، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް ފިލާފައިވަނީ ލ. މައިބައިދޫ، ޝަބްނަމް ހައުސް، ހުސައިން ޝަހްބާންއެވެ.

ޝަހްބާން އަކީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ގ. ހިޔާރޯދި ގޭގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވާ މީހެކެވެ. މީގެ އިތުރުން އޭނާ މިހާރު ތަންފީޒު ކުރަމުންދަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެ އިއްވާފައިވާ ހުކުމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކަރެކްޝަންސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަހްބާން ފިލާފައިވަނީ އަވަސް ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ހުއްޓާ ކަމަށެވެ. އަދި އޭނާ ހޯދުމަށް ފުލުހުންނާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން ބުނެފައިވެއެވެ.



ފުލުހުން ބުނީ، ގައިދީއަކު ފިލާފައިވާ މައްސަލަ އެ މުއައްސަސާއަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އޭނާ ފިލި ސީދާ ވަގުތެއް ކަރެކްޝަންސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކަރެކްޝަންސްއިން ވަނީ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި އެކަން ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު