އީރާން ރައްޔިތުންނަށް ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އަސާސީ ތަމްރީނުތައް ދޭން ފަށައިފި
އީރާން ރައްޔިތުންނަށް ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އަސާސީ ތަމްރީނުތައް ދޭން ފަށައިފި
އެމެރިކާ އަދި އިސްރާއީލާއެކު އޮތް ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ، އީރާނުގެ ވެރިރަށް ތެހެރާންގެ އާންމު މައިދާންތަކުގައި އެ ގައުމުގެ ރައްޔިތުންނަށް ހަތިޔާރު ބޭނުންކުރާނެ ގޮތުގެ އަސާސީ ތަމްރީނުތައް ދޭން ފަށައިފިއެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި، އާންމު ރައްޔިތުންނަށް އެކި ވައްތަރުގެ ބަޑި ގެންގުޅޭނެ ގޮތް ދަނީ ދަސްކޮށްދެމުންނެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ތެހެރާނުން އާންމުކޮށްފައިވާ ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ފިރިހެނުންނާއި އަންހެނުން މި ތަމްރީނުތަކުގައި ބައިވެރިވަމުންދެއެވެ. އީރާނުގެ ސިފައިން ދަނީ އެ މީހުންނަށް ބަޑި ހިފާނެ ގޮތާއި، ބަޑީގެ ބައިތައް ވަކިކޮށް އަލުން ރާވާނެ ގޮތުގެ އިތުރުން ހަތިޔާރުގެ އަސާސީ ހުނަރުތައް ދަސްކޮށްދެމުންނެވެ.

ބައިނަލްއަގުވާމީ މީޑިއާއެއް ކަމަށްވާ "ފަސްޓްޕޯސްޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ގައުމީ ދިފާއަށް އާންމު ރައްޔިތުން ތައްޔާރުކުރުމުގެ މަގުސަދުގައެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް އަމާޒުކޮށް ދެމުންދާ އިންޒާރުތަކާއި، ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މި ތަމްރީނުތަކަކީ ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކުން ދިފާއުވުމަށް އާންމުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު