ފޮރިން މިނިސްޓްރީ-
ފޮރިން މިނިސްޓްރީ-
ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމަށާއި، ރާއްޖެއިން އަބަދުވެސް "ވަން ޗައިނާ" ސިޔާސަތު މަތީ ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުން އަލުން ކަށަވަރުކޮށްދީފިއެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނު ދުވަހުން ފެށިގެން ދިވެހިރާއްޖެއިން ގެންގުޅޭ "ވަން ޗައިނާ ޕްރިންސިޕަލް" އަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ޤާނޫނީ ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމުގައި ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ދުވަސްވަރަކީ ބައިނަލްއަޤްވާމީ މައިދާނުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއް ނަމަވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ޗައިނާގެ މި ސިޔާސަތަށް ފުރިހަމައަށް ތާއީދުކުރާ ގޮތަށެވެ. އެގޮތުން އދ. ގެ އާންމު މަޖިލީހުގެ ޤަރާރު 2758 އާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޗައިނާގެ ސަރަހައްދުން ވަކިކޮށްނުލެވޭނެ ބައެއް ކަމުގައި ރާއްޖެއިން ޤަބޫލުކުރާ ކަމަށް ސަރުކާރުން ހާމަކުރިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޗައިނާއާއެކު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް މި ބަޔާނުގައި ވަނީ ދީފައެވެ. ވަކިން ޚާއްޞަކޮށް، ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ތަރައްޤީއަށް ޗައިނާ ސަރުކާރުން ވެދެމުންދާ މުހިންމު އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ ޗައިނާއަށް ޝުކުރު އަދާކޮށްފައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާން ނިންމާލާފައިވަނީ، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުމަށާއި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމުގެ އުންމީދާއެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު