އެންޖެލީނާ ޖޯލީގެ އެންމެ އަސަރުގަދަ ފިލްމު "ކޫޓޫރް" ގައި
އެންޖެލީނާ ޖޯލީގެ އެންމެ އަސަރުގަދަ ފިލްމު "ކޫޓޫރް" ގައި
އެންޖެލީނާ ޖޯލީގެ އެންމެ އަސަރުގަދަ އަދި އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ފިލްމު "ކޫޓުއަރ" އާއެކު އޭނާ އަލުން ފިލްމީދާއިރާގައި މަސައްކަތް ކުރަން ނިކުމެއްޖެއެވެ.

އޮސްކާ ހާސިލްކޮށްފައިވާ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ، އޭނާގެ ކެރިއަރުގެ އެންމެ ފުން އަސަރުތަކެއް އެކުލެވޭ ފިލްމު ކޫޓުއަރ އާއެކު އަލުން މަގުބޫލުކަން ހޯދަމުން އަންނައިރު، މިއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ޕެރިސް ފެޝަން ވީކްގެ ކުލަގަދަ މާހައުލުގެ ތެރެއިން ހިތްދަތި ހަގީގަތްތަކެއް ފެނިގެންދާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

ވާޓިކަލް އެންޓަޓެއިންމަންޓުން މިދިޔަ ބުދަ ދުވަހު ވަނީ މި ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފައެވެ. މިއީ 2025 ވަނަ އަހަރު ރިލީޒްކުރި "މާރިއާ" އަށް ފަހު، ޖޯލީ މުހިންމު ރޯލަކުން ފެންނަ ފުރަތަމަ ފިލްމެވެ.

ފަރަންސޭސިވިލާތުގެ މަޝްހޫރު ޑައިރެކްޓަރު އެލިސް ވައިނޯކޯ އުފައްދާފައިވާ މި ފިލްމުގައި ޖޯލީ ކުޅެނީ "މެކްސިން" ނަމަކަށް ކިޔާ އެމެރިކާގެ ފިލްމު އުފައްދާ މީހެއްގެ ރޯލެވެ. މަސައްކަތުގެ ބޭނުމުގައި ޕެރިހަށް ކުރާ ދަތުރެއްގައި އޭނާއަށް ދިމާވާ ލޯބީގެ ކަންތައްތަކާއި، އޭގެ ފަހުން ކުރިމަތިލާންޖެހޭ ބުރެސްޓް ކެންސަރުގެ ބަލިމަޑުކަމާއެކު ދިރިއުޅުން ބަދަލުވެގެންދާ ގޮތް މި ފިލްމުން ދައްކުވައިދެއެވެ.

މި ފިލްމުގައި ޖޯލީއާއެކު ފަރަންސޭސި އެކްޓަރު ލުއީ ގަރެލް އާއި ވިންސެންޓް ލިންޑަންގެ އިތުރުން އުއްމީދީ ތަރިން ކަމަށްވާ އެލާ ރަމްޕް އާއި ގަރަންސް މަރިލިއާ ފެނިގެންދާނެއެވެ.

މި ފިލްމުގެ ވާހަކަ ޖޯލީގެ އަމިއްލަ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅެއެވެ. 2013 ވަނަ އަހަރު ޖޯލީ ވަނީ ކެންސަރުގެ ނުރައްކާ އޮތް މިންވަރު ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮޕަރޭޝަނެއް ކޮށްފައެވެ. ޖޯލީގެ މަންމަ ވެސް މަރުވެފައިވަނީ ކެންސަރު ބަލީގައެވެ. ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވާހަކަދައްކަމުން ޖޯލީ ބުނީ، މިއީ އޭނާއަށް ވަރަށް "ޕާސަނަލް" ފިލްމެއް ކަމަށާއި، މި ފިލްމުގެ މަސައްކަތް ކުރިއިރު އޭނާގެ މަރުވެފައިވާ މަންމަގެ ފަށެއް ވެސް ބޭނުންކޮށްފައިވާނޭ ކަމަށެވެ.

ޖޯލީ އިތުރަށް ބުނިގޮތުގައި، ބޮޑެތި ބަލިތަކާ ކުރިމަތިލާ މީހުންނަކީ ހަމައެކަނި އެ ބަލީގެ ނަމުން ނިސްބަތްކުރަންޖެހޭ ބައެއް ނޫނެވެ. އެމީހުންނަކީ ވެސް އުންމީދުތަކާއި އިހުސާސްތަކެއް ހުންނަ، ދިރިއުޅެމުންދާ އިންސާނުންކަން ދެނެގަތުން މުހިންމެވެ.

ފެޝަންގެ ޒީނަތްތެރިކަމާއި، އިންސާނީ އިހުސާސްތަކުގެ ފުންމިން ދައްކުވައިދޭ ކޫޓުއަރ ވެގެންދާނީ އެންޖެލީނާ ޖޯލީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަށެވެ. މީގެ އިތުރުން ޖޯލީ ދަނީ "ސަނީ" އަދި "އެންކްޝަސް ޕީޕަލް" ކިޔާ ފިލްމުތަކެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު