އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ފަގީރުކަން
އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ފަގީރުކަން
އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ފަގީރުކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން، އާއިލާގެ އެހެން މެންބަރުންނަށް ކާނާ ހޯދައިދިނުމަށްޓަކައި އޭނާގެ ހަތް އަހަރުގެ ދަރިފުޅު ކައިވެންޏަށް ވިއްކާލަން މަޖުބޫރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ބަފަޔަކު ބުނެފިއެވެ.

ބީބީސީން އެ ގައުމުގެ ޣޫރު ޕްރޮވިންސާ ބެހޭގޮތުން ތައްޔާރުކުރި ރިޕޯޓެއްގައިވާ ގޮތުން، އަބްދުއްރަޝީދު އަޒީމީ ނަމަކަށް ކިޔާ މި ބައްޕަ ވަނީ އޭނާގެ ހަތް އަހަރުގެ އެއްމާބަނޑު ދެ އަންހެން ކުދިން ކަމަށްވާ ރޫގިޔާ އަދި ރާހިލާގެ ތެރެއިން އެއް ކުއްޖަކު ވިއްކާލަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ރޮމުންް ކަރުނުން ފުރިގެންވާ ހާލެއްގައި އަޒީމީ ބުނި ގޮތުގައި، އޭނާ އަކީ ނުހަނު ފަގީރު، އަދި ދަރަނިވެރިވެފައިވާ މީހެކެވެ. "އަހަރެން މަސައްކަތް ނިންމާފައި ގެއަށް އަންނަނީ ކަރުހިއްކުން ފިލުވައި ނުލެވި، ބަނޑުހައިހޫނުކަމާއި މާޔޫސްކަމުގެ ތެރޭގައި. ކުދިން އަހަރެންގެ ކައިރިއަށް އައިސް 'ބައްޕާ، ކާނެ އެއްޗެއް ނެތްހޭ' އަހާ. އެކަމަކު އަހަރެން އެކުދިންނަށް ދޭނީ ކޯއްޗެއް؟ މަސައްކަތެއް ލިބޭކަށް ނެތް،" އަޒީމީ ކިޔައިދިނެވެ.

އޭނާގެ އެއް ދަރިފުޅު އަތަށްލައި ބޮސްދެމުން އޭނާ ބުނީ، މިއީ ހިތް މަރާލާ ފަދަ ވޭނީ ނިންމުމެއް ނަމަވެސް، މިއީ އޮތް ހަމައެކަނި ސަލާމަތްތެރިކަން ކަމަށެވެ. "އަހަރެންގެ އެއް ދަރިފުޅު ވިއްކާލައިގެން ލިބޭ ފައިސާއިން، އާއިލާގެ އެހެން މެންބަރުންނަށް މަދުވެގެން ހަތަރު އަހަރު ދުވަހުގެ ކާނާ ކަށަވަރު ކުރެވޭނެ،" އޭނާ ބުންޏެވެ.

އެ އާއިލާގެ މައިންބަފައިން ބުނާ ގޮތުގައި، މިހާރު އެމީހުންނަށް ކާން ލިބެނީ ހަމައެކަނި ހިކި ބާޖާއި ހޫނު ފެނެވެ. ސައިފަތްކޮޅެއް ގަންނާނެ ފައިސާވެސް އެމީހުންގެ އަތަކު ނެތެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަން ގާއިމުވީ ފަހުން އިގްތިސާދު އިނދަޖެހި، ބޭރުގެ އެހީތައް މެދުކެނޑުމުގެ ސަބަބުން މިފަދަ ހިތްދަތި ހާދިސާތައް ދަނީ އިތުރުވަމުންނެވެ. ހަމަ އެ ސަރަހައްދަށް ނިސްބަތްވާ ސައީދު އަހުމަދު ނަމަކަށް ކިޔާ އެހެން ބަފަޔަކުވެސް ވަނީ އޭނާގެ 5 އަހަރުގެ އަންހެން ދަރިފުޅަށް ޖެހުނު ބައްޔަކަށް ފަރުވާ ކުރާނެ ފައިސާ ނެތުމުން، ތިމާގެ މީހަކަށް އެ ކުއްޖާ ވިއްކާލާފައެވެ.

އެ ކުއްޖާ ބޮޑުވުމުން ކައިވެނީގެ ގޮތުން އެމީހުންގެ އާއިލާއާ ހަވާލުކުރަން ނިންމާފައިވާއިރު، ފަރުވާއަށް ދިޔަ ފައިސާ ފިޔަވައި ބާކީ ބައި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ދެއްކުމަށް ވަނީ އެއްބަސްވެފައެވެ.

އަފްޣާނިސްތާނުގައި ފިރިހެން ކުދިންނަކީ މުސްތަގުބަލުގައި އާއިލާއަށް ފައިސާ ހޯދައިދޭނެ ބައެއް ކަމަށް ބަލާތީ، ގިނަ އާއިލާތަކުން މިފަދަ ހާލަތްތަކުގައި ވިއްކާލަނީ އަންހެން ކުދިންނެވެ.

އަދި ކައިވެނީގެ ރަން ކިޔާއިރު ފިރިހެން ކުއްޖާގެ އާއިލާއިން އަންހެން ކުއްޖާގެ އާއިލާއަށް ފައިސާ ދިނުމުގެ ސަގާފަތެއް އޮންނާތީ، މިއީ ފަގީރު އާއިލާތަކަށް ދަރަނިން ސަލާމަތްވުމަށް އޮތް މަގަކަށް ވަނީ ވެފައެވެ.

ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން އިންޒާރު ދޭ ގޮތުގައި، އަފްޣާނިސްތާނަށް ބޭނުންވާ އެހީތެރިކަން އަވަސް ފުރުސަތެއްގައި ނުލިބިއްޖެނަމަ، ބަނޑަށްޖެހިގެން މިފަދަ ހިތްދަތި އަމަލުތައް ހިންގާ އާއިލާތަކުގެ އަދަދު އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު