މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް
އިތުރު އެއްވެސް މަސައްކަތެއް ކުރުމެއްނެތި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ދަންމާލީ މަޖިލީހުގެ ނައިބު ރައީސް, ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލަ ނިންމުމަށް އެކަނިކަން ހާމަވެއްޖެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ފެބްރުވަރީ މަހުން ފެށިގެން މެއި މަހުގެ 15 އަށް ކުރިއަށްދާއިރު، ދައުރު ނިމޭ ޖަލްސާ ބާއްވަންޖެހެނީ އެ މުއްދަތުގެ ތެރޭގައި އަންނަ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުއެވެ.

އެހެންކަމުން، ގަވާއިދަށް ބަލާއިރު މިދިޔަ ބުރާސްފަތި ދުވަހު މިއަހަރުގެ ފުރަތަމަ ދައުރު ނިމެންޖެހޭނެއެވެ. ނަމަވެސް، އެ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ ދައުރުގެ ތެރޭގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަމަށް ވިދާޅުވެ، ދައުރު ދަންމާލަން ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮންނަ ވެރިކަންކުރާ ޕީއެންސީގެ 58 މެންބަރުންގެ ވޯޓާއެކު މި މަހުގެ ނިޔަލަށް ދައުރު ދަންމާލަން ވަނީ ފާސްކޮށްފައެވެ. މި ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނާއި އަމިއްލަ މެންބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ ޢަބްދުއްރަޙްމާނެވެ.

ދައުރު ދަންމާލި ނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުން މި ހަފުތާގައި އެއްވެސް ޖަލްސާއެއް ނުވަތަ ކޮމިޓީ ބައްދަލުވުމެއްވެސް ބާއްވާފައެއް ނުވެއެވެ. އަދި ޖަލްސާތައް ނުބާއްވާ ސަބަބު ސާފުކުރުމަށް މިދިޔަ ހޯމަ އަދި އަންގާރަ ދުވަހު މަޖިލީހުގެ އިދާރާއަށް ގުޅުމުންވެސް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، މިއަދު ހަވީރު 4:00 އަށް އާންމު ކޮމިޓީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފައެވެ.

އެ ބައްދަލުވުމުގައި ނިންމުމަށް ހަމަޖެހިފައިވަނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަހުސްކުރާނެ މެންބަރުންގެ އަދަދާއި، ވަގުތާއި، އަދި އޭނާއަށް ދިފާއުގައި ވާހަކަދައްކަން ލިބޭނެ ފުރުސަތުތަކެވެ. ބެލެވޭ ގޮތުގައި މި މައްސަލައަށް ވޯޓަށް އަހާ ޚާއްޞަ ޖަލްސާ މާދަމާ ކުރިއަށްދާނެއެވެ.

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. ޕީއެންސީގެ އިސް މެންބަރަކު ވިދާޅުވި ގޮތުގައި ނާޒިމަށް އަމިއްލައަށް އިސްތިއުފާ ދެއްވުމަށް އެންގުމުން އެކަމަށް އޭނާ ވަނީ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް، ކުއްލި ގޮތަކަށް އޭނާއަށް އޮތް އިތުބާރު ގެއްލުނު ސީދާ ސަބަބެއް ޕާޓީން އަދިވެސް ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ 73 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ، ނާޒިމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދާ، މަޖިލީހުގެ މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އޭނާ ވަނީ ވަކި ސިޔާސީ ފިކުރަކަށް ބުރަވެ ތައައްސުބުވެފައި ކަމަށާއި، މެންބަރުންގެ ވާޖިބުތަކަށް ހުރަސް އަޅައި ޒިންމާއިން ބަރީއަވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، މި ބޮޑެތި ތުހުމަތުތަކުގެ ސީދާ ތަފްސީލެއް އެ ގަރާރަކުން ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު