ރައީސް ނަޝީދު
ރައީސް ނަޝީދު
މިހާރު ގައުމުގެ ހާލަތު އޮތްގޮތުން ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީ އަދި އަދާކުރަންޖެހޭ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތިނަދޫ އާއި މާލޭގައި އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ "ބޮޑު ބަދަލު" ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ވީހާވެސް އަވަހަކަށް މިހާރު އޮތް ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށާއި، މާތްﷲ ގެ އިރާދަފުޅާއެކު އެމްޑީޕީން އެ އަމާޒު ހާސިލްކުރާނެ ކަމަށެވެ.

މި ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ އުފެދިގެން އައި ދުވަސްވަރުން ފެށިގެން، ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައާއި ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި ތިނަދޫގެ ރައްޔިތުން އަދާކުރި އިސް ދައުރު ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ.

އެގޮތުން ރާއްޖޭގައި އިސްނަގައިގެން ހިންގި އެމްޑީޕީގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދިޔައީ ތިނަދޫގައިކަން ފާހަގަކުރައްވައި، އެ ރަށުގެ ރައްޔިތުންނަކީ ގައުމަށް އިންސާފާއި ތަނަވަސްކަން ހޯދައިދިނުމަށްޓަކައި އަބަދުވެސް ބަދަލަކަށް އެދި ބޮޑެތި މަސައްކަތްތަކެއް ކުރި ބައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

މީގެ އިތުރުން، މިހާރު އޮތް ސަރުކާރުން ލާމަރުކަޒީ ނިޒާމާ ޚިލާފަށް ކުރަމުންދާ ކަންކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފެނިގެންދިޔަ އެއް ރަށަކީ ތިނަދޫކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ރޫޅާލައި، ކައުންސިލްތަކުގެ ބާރުތަކުގެ މައްޗަށް ގަދަވެގަންނަން އުޅުނު މަންޒަރު ވަރަށް ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

އަދި އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، މި މަގްސަދު ހާސިލްކުރުމަށް ހުރިހާ އެންމެން އެކުގައި އަތާއަތްގުޅާލައިގެން މަސައްކަތް ކުރުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު