މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެސްޓީއޯގެ ރޭޓުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ކަންތައް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާއި ގުޅިގެން އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ތެޔޮ ޝެޑުތައް ހިންގި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަޕްލައިޔަރުން ނުވަތަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ސީދާ މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަކީ ކުރިންވެސް ސަރުކާރުން ނިންމާފައިވާ ކަމެއް ކަމަށާއި، މިއީ މަސްވެރިންގެވެސް ވަރަށް ބޮޑު އެދުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ތެލުގެ އަގަށް ގެނެވުނު ލުޔާއެކު، މަސްވެރިންނަށް ތެޔޮ ހޯދުމުގައި މިހާރު މާބޮޑު ދަތިތަކެއް ކުރިމަތި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ހުރިހާ އަތޮޅަކުން މިހާރު ތެޔޮ ލިބެން ހުރި ނަމަވެސް، ލޮޖިސްޓިކްސްގެ ގޮތުންނާއި އެސްޓީއޯ އިން މި ޝެޑުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އަދިވެސް ބައެއް ގޮންޖެހުންތައް ހުރިކަން މިނިސްޓަރު ވިދާޅުވެފައިވެއެވެ. މި ގޮންޖެހުންތައް ހައްލުކޮށް، އިންތިޒާމުތައް އެންމެ ފުރިހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ދިމާވާ އެކި މައްސަލަތަކުގައި ސަރުކާރުން އެހީތެރިވަމުންދާ ފަދައިން، މަސް ބަންދުކުރާ ކުންފުނިތަކަށާއި މިފްކޯއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ބޭރަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރާ ފަރާތްތަކަށް ހުރި ދަތިތައް ނައްތާލުމަށްޓަކައި އެއާލައިންތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތްތަކަށް ސަރުކާރުން މަގުފަހިކޮށްދެމުންދާ ކަމަށެވެ. އަދި އެފަރާތްތަކަށް ސަރުކާރު މެދުވެރިވެގެން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވަޒީރު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު